ހދ. ކުޅުދުއްފުށި ސިޓީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7 ޖަހާކަން ހާއިރުއެވެ.
މި ޙާދިސާގައި ޒަޙަމްވެފައިވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހަމަލާދީފަ ވަނީ މަސްހިފަން ފައިބާ އުޅެނިކޮށެވެ. މިހާރު މި މީހާގެ ޙާލު ސްޓޭބަލް ކަމަށް ކުޅުދުއްފުށީ ހޮސޕިޓަލްގެ މީޑިއާ އޮފިޝަލް މީޑިއާއަކަށް ވިދާޅުވިއެވެ.
އަދި މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ކޮނޑު ހުޅު ނެއްޓުނު ކަމަށާއި އެހެނަސް މިހާރު ކޮނޑު ހުޅު އަޅުވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ލޭ މަނާ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހާ އިތުރު ފަރުވާއަށް މާލޭގެ އައިޖީއެމްއެޗަށް ފޮނުވަން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ހަމައެކަނި ޕްލާސްޓިކް ސާޖަން ޑރ. މުޙައްމަދު ވަހީދުގެ ފަރާތުން ފަރުވާ ހޯދުމަށް ރިފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެކަން ބަލަމުންދާ ކަމަށެވެ.

































