ދެން އަންނަ ދައުރުގައި އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ތާއީދުކުރައްވައިފިއެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި އަމިއްލަ ޖަމިއްޔާއަކުން ޕެޓިޝަނެއްގައި ސޮއިކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔައެވެ. މިކަމާއި ގުޅިގެން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ގޯސް ހިޔާލެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ މިފަދަ ބަދަލެއް ގެންނަން ރަނގަޅީ މަޖިލީހުގެ ދައުރެއް ނިމި، އާ ދައުރެއްގެ އިންތިޚާބަށް ފަހުގައި ކަމަށެވެ.
މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް ކަމަށް ފަލާހު ކުރެއްވި ޕޯސްޓަގައި ވިދާޅުވިއެވެ. ސަބަބަކީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިންތިޚާބަށް ނެގިދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި މެމްބަރެއްގެ މުސާރަ 100،000 ރުފިޔާއަށް ހަދަން ކަމާ ގުޅުން ހުރި ކޮމިޓީއިން ފާސްކޮށްފައިވީނަމަވެސް އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، 21 ވަނަ މަޖިލީހަށް އަލަށް މެންބަރަކަށް 5,000 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް ކަނޑައެޅުމުން، އެ މުސާރައަށް އެއްބަސްވެގެން ކުރިމަތިލާ މެންބަރުންނަށް ފަހުން ޝަކުވާ ކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
އަލަށް 21ވަނަ މަޖިލީހަށް މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެމުސާރަ އޯކޭވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލާހު ވަނީ ކުރީގެ ރައީސުންގެ އިނާޔަތާ މެދު ވެސް ވިސްނާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ފަނޑިޔާރުންގެ މުސާރައާ މެދު ވެސް ވިސްނާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާ، ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަވައެވެ. އެހެންކަމުން ފަލާހު ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
ފަލާހު މިހެން ވިދާޅުވެފައިވާއިރު މަޖުލީސް މެންބަރުންގެ މުސާރާ އާ އިނާޔައްތައް ކުޑަކުރަން ދެކޮޅު ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވިކަން ފާހަގަކޮށްލެވެއެވެ.

































