މަސްވެރިން ކިރުވާ މަހަށް ޤަވާއިދުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަުން ރައީސް ވިދާޅުވީ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުން ފެށިގެން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ސަރުކާރުން ފައިސާ ދޫކުރަން ފަށާަފައިވާ ކަމަށެވެ. އަދި މިގޮތަށް ޤަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވީ އިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ ހުރި ކަމަށާއި، އެ ފައިސާވެސް މިހާރު މިސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުން ކަމަސް ރައީސް ވިދާޅުވިއެވެ.


































