ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ހުކުރުދުވަހު އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އެ ޤައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ހުކުރުދުވަހު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ސަފީރު ފުއާދު ވިދާޅުވީ ބެންކޮކުގައި ގާތްގަނޑަކަށް 150 އެއްހައި ދިވެހިން އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެމްބަސީން ބެންކޮކްގައި އުޅޭ ހުރިހާ ދިވެހީންނާ ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އެއްވެސް ދިވެއްސެއްގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބުނު ވާހަކައެއް ނޫނިއްޔާ އެހެން ވެސް އެ ކަހަލަ ހިތާމަވެރި ވާހަކައެއް ނުލިބޭކަމަށް ފުއާދު ވިދާޅުވިއެވެ.
ބިންހެލުން އައުމާ ގުޅިގެން ބެންކޮކުގެ ގިނަ ރައްޔިތުން މަގުމަތީގައި ތިބި ކަމަށާއި، އިމާރާތްތައް ބަލައި ފާސްކުރުމަށް ފަހު ބައެއް އިމާރާތްތަކަށް ވަނުމުގެ ހުއްދަ މަޑުމަޑުން ދެމުން އަންނަ ކަމަށް ސަފީރު ފުއާދު ވިދާޅުވިއެވެ. ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި، އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ..
ތައިލެންޑް ސަރުކާރުން މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށާއި، ދިވެއްސަކަށް އަނިޔާއެއް ވެގެން ރިޕޯޓުކޮށްފި ހާލަތެއްގައި ވަގުތުން އެޓެންޑްވެވޭނެ ކަމަށް ސަފީރު ފުއާދު ވިދާޅުވިއެވެ.. މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. ތައިލޭންޑަކީ ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

































