މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ކޯޓަށް ހާޒިރުކުރުމަށްފަހު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކުރި އަމުރު، ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުން ޝައްމާން ވަކިކޮށްފައިވަނީ މާރޗް 21 ވަނަ ދުވަހެވެ. އަދި 22 މާރޗްގައި އޭނާ ފުލުހަށް ހާޒިރު ކުރުމުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޝައްމާން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އިމިގްރޭޝަންގެ ކުރީގެ އިސްވެރިޔާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީގަށް ހުރަސްއެޅިދާނެކަމުގެ ބިރު އޮތުމާއެކު، އަދި ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީއެވެ. އޭނާ ކޯޓަށް ހާޒިރުކުރެވުނީ ތަހުޤީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.
ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.
އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުން ޝަމްއާން ވަކިކުރުމަށް ފަހު، އޭނާއާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނީ، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުޤީގަށް ލިބިފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެއިދާރާގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުޤީގަށެވެ.
އެމައްސަލައިގައި ޝާމިލުވި އޮފިސަރުން އެ ފައިސާ ނަގައިގެން ޝަމްއާނު ދިރިއުޅުއްވާ ގެއަށް ދިޔަކަން ފުލުހުންގެ ތަހުޤީގަށް ހޯދިފައިވާކަމަށް މީގެކުރިން ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ފަހުން ފުލުހުންވަނީ ޝަމްއާން ދިރިއުޅުއްވި ގެވެސް ބަލައި ފާސްކޮށްފައެވެ. ޝަމްއާނުގެ ގެ ބަލައި ފާސްކުރިއިރުއިރު އެގެއިން 530،000 ( ފަސް ލައްކަ ތިރީސް ހާސް ) ރުފިޔާ ފުލުހުން ހޯދާފައިވެއެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކުރި ކުރުމުގައި ފުލުހުން ހޯދި ފަސްލައްކަ ތިރީސް ހާސް ރުފިޔާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޓުގެ އަމުރެއްގެ ދަށުން އާއިލާގެ މެންބަރެެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އެހެނަސް ހިފެހެއްޓީ ޝައްމާނުގެ އަންހެނުންގެ ފޯނު ކަމެއް ފުލުހުން ސީދާ ބުނެފައި ނުވާއިރު ޝައްމާން ވަހީދުގެ އަންހެނުން، ހިދާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައިފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ
އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023 ގައެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމުން ޝަމްއާން ވަކިކުރެއްވުމަށް ފަހު 20 މާރޗް ގައި އެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު ވަނީ އައްޔަންކުރައްވާފައެވެ

































