މާލޭގައި އުޅޭ ބުޅާތައް ގެންދަން އޮޅު ހިޔާގެ ނަމުގައި ހުޅުމާލޭ ފަރުކޮޅުފުށީގައި ހުޅުވި ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް، މަގުމައްޗަށް މަރުވާން ދޫކޮށްލުމަކީ ހިތާމަކުރާ ކަމެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މޭޔަރ އާޒިމް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ގެންދަން މާލޭ ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތުން ބޮޑު ޙަރަދެއްކޮށްގެން މާލޭ ސިޓީގެ ރައްޔިތުންނަށްޓަކައި ހެދި ބުޅާ ފެސިލިޓީ ސަރުކާރުން މާލޭ ސިޓީ ކައުންސިލް އަތުން އަތުލައިފައިވާކަމަށެވެ. އަދި ބުޅާތައް އެ ފެސިލިޓީއަށް ނުގެންގޮސް ބުޅާތައް މަރުވާން މަގުމައްޗަށް ދޫކޮށްލާފައިވާ ކަމަށާއި އަދި މަގުމައްޗަށް ނަޖިސްކުރަން ބައިތިއްބައިފާވާތީވެ އެކަމާއި ހިތާމަކުރާކަމުގައި މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ބުޅާތައް މަގުމައްޗަށް ނަޖިސް ކުރަން ދޫކޮށްލުމުގެ ސަބަބުން ކޮންމެ ދުވަހަކު ރައްޔިތުން ބުޅަލުގެ ނަޖިސް ތެރޭގައި ހިނގާ ބިނގާވެ އުޅެން ޖެހިފައިވާކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ ބުޅަލުގެ ސަބަބުން އެތަކެއް ބަލިތަކެއް ފެތުރޭކަމަށެވެ. މޭޔަރގެ ޕޯސްޓްގައި ވަނީ މޫދުކައިރީގައި ކުޅެން އުޅޭ ކުޑަކުދިންނާއި މޫދަށްއެރޭ އެކި އުމުރުފުރައިގެ މީހުން ކޮންމެ ދުވަހަކު ބުލާ ނަޖިސް ތެރޭގައި އުޅެން ޖެހޭކަން ފާހަގަކުރައްވާފައެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ވީ އެންމެ އަވަހަކަށް ބުޅާ ފެސިލިޓީއަށް ގެންދިޔުމަށް މޭޔަރގެ ޕޯސްޓްގައިވަނީ ގޮވާލައްވާފައެވެ.
ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ޤާއިމުކޮށްފައި ވަނީ އެޗްޑީސީން މާލޭ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ. މާލޭ ސިޓީ ކައުންސިލްގެ ޚަރަދުގައި ގާއިމުކުރި އެ ފެސިލިޓީ ހުޅުވީ މިދިޔަ އަހަރުގެ ނޮވެންބަރު ދެވަނަ ދުވަހުކަން ފާހަގަކޮށްލެވެއެވެ.

































