އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމަށްވާ މަރްޔަމް ޒުބައިރާއި (މަންދީ) އާއި ފާތިމަތު ޝިއުނާ ފުލުހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.
އެ ދެ މީހުންނަށް ފުލުހުން ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ ފުލުހަށް ހާޒިރުކުރަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް، މި މަހުގެ 10 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުގެ މައްޗަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމުން ކަމަށެވެ.
އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ ހޯމަ ދުވަހު މެންދުރު 13:30 ގައި ފުލުހަށް ހާޒިރުވުމަށެވެ. މަންދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމައެެވެ. މަންދީ އާއި ޝިއުނާ ފުލުހަށް ހާޒިރުވާން އެންގި ޗިޓުގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި އެއްވެ، އަޑުގަދަކޮށް، މުޒާހަރާކުރި ކަމަށެވެ. އަދި އެކަން ކުރީ އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ކަމަށާއި އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށްވެސް ޗިޓުގައި ބުނެފައިވެއެވެ.
މި ފަހުން މާލޭގައި ބޭއްވި މުޒާހަރާއެއްގައި މަންދީ ބުނެފައިވަނީ ރައީސް ޑރ. މުއިއްޒުގެ 16 އަހަރުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުން ކުރައްވާ ކަމަށާއި ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ އާއިލާ ތެރޭގައި މައްސަލަ ޖެހި އެކަން ހައްލު ނުވާ ހިސާބަށް ދިއުމުން ކަމަށެވެ. އޭގެ ފަހުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ފައްޔާޒް ވަނީ އެ ވާހަކަތަކަށް ހިތްވަރު ދެއްވައި ”އެކްސް“ ގައި ޕޯސްޓެއް ކުރައްވައިފައެވެ.
ރައީސް ޑރ. މުއިއްޒުގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ މި މައްސަލައިގައި މަންދީ، ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ މަދަނީ ދައުވާއެއް ކަމަށެވެ.

































