ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިންގުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އާ ހަވާލުކުރި ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް މުއާޒް ހަލީމް ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕާޓީ ހިންގުމުން ދުރުކޮށް، ޕާޓީ ހިންގުމުގެ ޒިންމާ ފަލާހް އާ ހަވާލުކުރި ކަމަށް ބުނާ ވާހަކަތަކަކީ ”ކަނޑައެޅިގެން ބުހުތާނު ދޮގު“ ވާހަކަތަކެއް ކަމަށެވެ. އަދި މި ވާހަކަތަކަށް ރައްދު ދެއްވަމުން މުއާޒު ހަލީމް ވިދާޅުވީ ޕާޓީ ހިންގުމުގެ ބާރު ފަލާހަށް ދީފައި ނުވާ ކަމަށެވެ.
ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފައިވާ އަޑުތަކެއް ފެތުރިފައި މިވަނީ ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ އަދި އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމާ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. މިގޮތުން ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާތާ ދުވަސްތަކެއް ވެފަކަން ފާހަގަކޮށްލެވެއެވެ. އަދި ޕީއެންސީގެ ހިންގުމުގައި އަބްދުއްރަހީމްގެ ދައުރެއް ނެތް ކަމަށް ވާހަކަ ދެކެވޭތާ ވެސް ދުވަސްތަކެއް ވަނީ ވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އޮތް ގުޅުން ގޯސްވެފައިވާކަމަށް އަބްދުއްރަހީމްވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ކަންތަކުގެ ތެރެއިން އަބްދުއްރަހީމާއި ގުޅުން ހުރި ބައެއް ބޭފުޅުން ސަރުކާރުގެ މަޤާމުތަކުން ވަކިކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން ޓުއަރިޒަމް މިނިސްޓާރިކަމުގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފައެވެ. އަދި ފައިސަލް މަޤާމުން ވަކިކުރިތާ ހަފްތާއެއް ނުވަނީސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމްވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
އެހެންނަމަވެސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ދެއްވި ތަރާވީސް ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހުގެރޭ ބައިވެރިވެވަޑައިގެންފައި ވެއެވެ.
މިގޮތުން އަންގާރަ ދުވަހުގެރޭ މަަޖިލީހުގައި އޮތް މި ފަރިއްކޮޅުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ އިދާރާގެ ވެރިންނާއި މުވައްޒަފުންގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


































