ރަމަޟާން މަހު އެމްޑަބްލިޔު އެސްސީގެ ފެން ބިލް ދައްކައިގެން ތިން ކަސްޓަމަރަކަށް އުމްރާ އަށް ދިއުމުގެ ފުރުޞަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެމްޑަބްލިޔު އެސްސީން ބުނީ މިއީ އެ ކުންފުންޏަށް 30 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ”އެކުވެރި ރޯދަ 30“ ގެ ނަމުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮމޯޝަނެއް ކަމަށެވެ. މިގޮތުން މި ޕްރޮޝަން ކުރިއަށް ދާނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތްތަކުގެ މެދުގައެވެ.. މީގެ ބޭނުމަކީ އެޕަށް މީހުން ހޭލުންތެރިކޮށް އެޕް ބޭނުންކުރާ މީހުން އިތުރުކޮށް ކައުންޓަރަށް އައިސް ބިލް ދެއްކުމުގެ ބަދަލުގައި އެޕް މެދުވެރިކޮށް ބިލް ދެއްކުމަށް މީހުން އަހުލުވެރިކުރުން ކަމަށް އެމްޑަބްލިޔު އެސްސީން ބުނެއެވެ.
އެގޮތުން މި ޕްރޮމޮޝަން ކުރިއަށް ދާނީ ޑޮމެސްޓިކް ބިލް ދައްކާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަން މުއްދަތުގައި އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތެއްގެ އިތުރުން، އެ މުއްދަތުގައި ބިލްގެ މުއްދަތު ހަމަވެފައިވާ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނެތް ކަސްޓަމަރުންނަށް ކަމަށް އެމްޑަބްލިޔު އެސްސީން މައުލޫމާތުދެއެވެ.
ގުރުއަތުން ހޮވޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އުމުރާއަށް ދިއުމަށް އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތުވެސް ދެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޕްރޮމޯޝަންގެ މުއްދަތަކީ 1 މާރޗުން ފެށިގެން 31 މާރޗް ގެ ނިޔަލަށެވެ.

































