ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އަދަދަކުން ފައިސާ ޗާޕު ކުރުމަށް މި ސަރުކާރުން ސިއްރިއްޔާތުގައި ނިންމާފައިވާކަމަށް އިދިކޮޅު އެމް.ޑީ.ޕީއިން ތުހުމަތުތަކެއްކޮށް އެކަމާ ގުޅޭގޮތުން އެ ޕާޓީއިން ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ 13:30 ގައި އޮންނާނެ ކަމަށް އެމް.ޑީ.ޕީ އިން ބުނެފިއެވެ.
މިގޮތުން މިކަން ހާމަކޮށްފައިވަނީ އެކްސްގައި އެމް.ޑީ.ޕީއިން ކޮށްފައިވާ ޕޯސްޓެއްގައެވެ.
މި ބައްދަލުވުން ޕާޓީގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލައިވް ކުރާނޭ ކަމަށްވެސް އެމް.ޑީ.ޕީއިން އެކްސްގައިކޮށްފައިވާ ޕޯސްޓުގައި ބުނެފަވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމް.ޑީ.ޕީއިން ވަނީ އާދީއްތަ ދުވަހުވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުންވެސްވަނީ ޕާޓީގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލައިވް ކޮށްފައެވެ. އާދީއްތަ ދުވަހުގެ މެންދުރު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ އަދުގެ ސަރުކާރުން ފްލެޓް ލިސްޓް މުރާޖައާކޮށް ނިންމައި ފްލެޓްލިސްޓް ނެރުނުއިރު، ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓްތައް ދީފައިވާކަމަށް އެމްޑީޕީން ތުހުމަތުތަކެއްކޮށެވެ. މިކަމާ ގުޅިގެން އެމްޑީޕީން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމް.ޑީ.ޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި އެންމެ އިސްކޮށް ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި ސަރުކާރުން ވަނީ އެމީހުން ބޭނުންވާ ބަޔަކަށް ފްލެޓްތައް ދީފައި ކަމަށެވެ. މީގެ އެއް ހެއްކަކީ ކުރީގެ ހައުސިން މިނިސްޓަރު އަލީ ހައިދަރަށް ފްލެޓް ލިބުންކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ. އަކްރަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެކުލަވާލި ލިސްޓަށް ބަލާއިރު، ހައިދަރަށް ފްލެޓް ލިބޭވަރަށް މާކްސް ލިބިވަޑައިގެންނެވިނަމަވެސް ގުރުއަތުލުން ނިމުނުއިރު، އެނަމެއް ލިސްޓަކު ނޯންނާނޭކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމް.ޑީ.ޕީ ސަރުކާރުގެ ދުވަސްވަރު ވަނީ 4،000 ފްލެޓަށް ކުރިމަތިލިފަރާތްތަކުގެ ފްލެޓް ލިބޭ ލިސްޓް ނެރެފައެވެ. ނަމަވެސް ފްލެޓްތައް ދިނުމުގައި އުސޫލާ ހިލާފަށް ކަންކަން ކޮށްފައިވާކަމަށްބުނެ އޭސީސީން ފާހަގަކުރި މައްސަލަތަކާއެކު އަދުގެ ސަރުކާރުން ވަނީ ފްލެޓް ލިސްޓް އަލުން މުރާޖައާކޮށް ލިސްޓް ނެރެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމް.ޑީ.ޕީއިން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް މިިފަހުން ކޮންމެ ރެއަކުހެން ބާއްވަމުންނެވެ. މިގޮތުން ހޮނިހިރު ދުވަހުގެރޭ އެމް.ޑީ.ޕީއިން ޗާންދަނީ މަގު ހަރުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތަކެއްވެސް ހިނގައިފަވެއެވެ. މި އިހުތިޖާޖުގައި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލިމަނިކު (މޫކޭ)އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމާއި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި އިހުތިޖާޖުގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކުރީ ސަރުކާރުން ސުޕްރީމް ކޯޓަަށާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުން ދިއުމާ ގުޅޭގޮތުންނެވެ. ގިނަ ޕާޓީ އެކުލެވޭ، ދެ ފުށް ފެންނަ ނިޒާމެއް ރާއްޖޭގައި ގާއިމްވުމުގެ ކުރިން، ސަރުކާރުތަކުގެ ކިބައިން ފެނިގެންދިޔަ އަނިޔާވެރިކަން މިއަދުގެ ސަރުކާރުގެ ކިބައިން ފެންނަމުންދާކަމުގެ ކަންބޮޑުވުން އިހުތިޖާޖުގެ ބައިވެރިން ވަނީ ފާޅުކޮށްފައެވެ މީގެ އިތުރުން، ކުރީ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ޝަރުތު ފަރާތްތަކަށް ފްލެޓު ދިނުން ލަސްވާ މައްސަލައިގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިހުތިޖާޖުގެ ބައިވެރިން ތަރުކާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައިވާއިރު، އިހުތިޖާޖު ނިންމާލީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރި ދުއާއަކުންނެވެ.

































