މާލޭގައި ހުރި ގަސްތައް ހިތްހުރިގޮތަކަށް ކެނޑުމުގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލް ގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލޭ ސިޓީ ކައުންސިލުން އެ އިރެއްގައި ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ޤާނޫނާއި ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިލިމާލޭގެ މަގުތަކަކުން ގަސްތަކެއް ކަނޑައިފައިހުރި ވީޑިއޯއެއްވެސް ހިއްސާކުރައްވައިފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު ގަސް އުފުރާލުމާއި ގަސްތައް ކެނޑުމުގެ މަސައްކަތަކީ ކައުންސިލުން ކުރުމަށް ގަސްތުކުރާ ނުވަތަ ބޭނުންވާ ކަމެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ބައެއް ފަހަރަށް ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ބައެއް ގޭގޭގެ ގޯތި ތެރެއަށް ގަހުގެ ފަތް އެޅޭ ކަމަށް މޭޔަރ އާޒިމް ވިދާޅުވެފައިވެއެވެ.. އަދި ގަހުގެ މޫތަކުން ޕޭމަންޓު ގާތަށް އުފުލި، ގަލުގައި އަޅައިގަނެ ވެއްޓި ގިނަ ބަޔަކަށް އަނިޔާވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަންވެސް މޭޔަރ އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް ވަނީ އުމުރުން ދުވަސްވެ ނިކަމެތިވެފައިވާ ގަސްތައް ކެނޑި ނަމަވެސް، އައު ގަސް ޖަހައި މާލެ ފެހިކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

































