މާލޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ކޮތަރު މަރުވަމުން ދަނީ ”އިންފެކްޝަންސް ކޮރައިޒާ ”ބަލީގައި ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ކޮތަރުތައް މަރުވާތީ އެ މިނިސްޓްރީން ފެށި ދިރާސާއާ ގުޅޭ ތަފްސީލް ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފަ އެވެ. މިނިސްޓްރީން ބުނީ ސާމްޕަލް ނަގައިގެން ކުރި ތަޙުލީލުން އެނގުނު ގޮތުގައި ކޮތަރުތައް މަރުވަމުން ދަނީ ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމަށްވާ އިންފެކްޝަންސް ކޮރައިޒާ ބަލީގައެވެ.
ތަހުލީލުތަކުން އެނގުނު ގޮތުގައި މަރުވެފައިވާ ކޮތަރުތަކަށް ކޮކްސިޑިއޯސިސް އާއި ކެންޑިޑިއޭސިސްގެ އިތުުރުން އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ވެސް ޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.. އަަދި މި ބަލި ޖެހުމުން ނޭފަތުން ފެން އައިސް, ދޫނިތައް ކެއްސާ އަދި ނޭވާލުމަށް ދަތިވެ ބޮލާއި މޫނު ދުޅަވެ ކެއިން ބުއިމަށް އުނދަގޫވެ އަދި އިންފެކްޝަންތަކުގެ ސަބަބުން ބަލި ބޮޑުވެ ދޫނި މަރުވާކަމަށް ވެސް އެގްރިކަލްޗާ އެންޑް އެނިމަލް މިނިސްޓްރީން ބުންޏެވެ.. އެ މިނިސްޓްރިީން ބުނި ގޮތުގައި ބަލި ފެތުރުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވެ އެވެ.
އަދި މިއީ އިންސާނުންނަށް ނުރައްކަލެއް އޮތް ބައްޔެއް ނޫން ކަަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ. ނަަމަވެސް ބަލިޖެހި ނުވަތަ މަރުވެފައިވާ ކޮތަރުތަކާއި ކުޑަކުދީން ގާތް ނުވުމަށާއި ބޮޑެތި މީހުން ވެސް ރައްކާތެރި ކަމުގެ ވަސީލަތްތަކާ އެކު ނޫނީ އެތަކެތީގައި އަތްލާ ނުހެދުމަށް މިނސްޓްރީއިންވަނީ އިލްތިމާސް ކޮށްފައެވެ.

































