ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ކަންބޮޑުފާޅުކުރައްވާފައިވަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަދަދު ފަސް ފަޑިޔާރުންނަށް މަދުކުރުމަށް އިއްޔެ މަޖިލިސް އިންފާސްކުރި ބިލްއާއި ގުޅިގެންނެވެ. އެކްސްގައި ހިއްސާކުރެއްވި ފޯސްޓުގައި ވަނީ، މިއަދު މި ފެނިގެންދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދައި ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު، ހުތުރު ޢަމަލުތަކެއްކަމަށެވެ.
އަދި އިތުރަށް ހާމަކޮށްފައިވާނީ މި ކަންކަން ހުއްޓާލައި، ޤާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލާކަމަށެވެ.

އަދި އިތުރަށް ހާމަކޮށްފައިވަނީ، ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަކަމާއި އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ޙައްޤުތަކާއި، ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަންކަމަށެވެ. އެކަމުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން ކަން ވެސް ރައީސް ޞާލިޙް ގެ ޕޯސްޓުގައިވެއެވެ.
އިއްޔެ ބިލް ފާސްކުރަން ނެގި ވޯޓްގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ސަރުކާރަށް ތާއީދުކުރާ އެއްވެސް ޕާޓީއެއް ބައިވެރިއެއް ނުވިއެވެ. އެގޮތުން ބިލަށް ވޯޓަށް އެހިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭއަށް ނިސްބަތްވެޑައިގަންނަވާ ދެ މެމްބަރުންކަމަށްވާ އެޕާޓީގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރުން މުހައްމަދު އައްބާސް ތަޅުމުގައި ވަޑައިގެންނެތެވެ.
މިބިލާއި ދެކޮޅު ހެދުމުގެ ގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ނުކުންނަވާފައެވެ. އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރުވެސް ވޯޓުގައި ބައިވެރިވެޑައިގެންފައެއް ނުވެއެވެ.
ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލިހުގެ ސިސްޓަމަށް މައްސަލަ ޖެހިފައިވާކަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވިއެވެ. އެއާއި އެކު ބިލަށް ވޯޓަށް ބިލް ފާސްކޮށްފައިވަނީ ވަކި ވަކި މެމްބަރުންގެ ނަން ގޮވާ އެ މެމްބަރަކަށް ފެންނަ ގޮތަކަށް އަނގަބަހުން ވޯޓް ދީގެންނެވެ.
މިބިލަށް ވޯޓަށް އެހުމުގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން އިއްވާފައިވެއެވެ. މަޖިލީހުން ބިލް ފާސްކުރީ 68 މެމްބަރުންގެ ވޯޓާއި އެކުއެވެ.

































