ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ވެރިކަން ކުރާ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު ފާސްކޮށްފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އަވަސް އަރުވާލައިގެން ފަނޑިޔާރުން މަދުކުރަން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށާއި މިއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށެވެ.
”ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅައި އަވަސް އަރުވާލައިގެން މަޖިލީހުގެ ގަވާއިދާ އަމަލުކުރަމުންއަންނަ އުސޫލުތަކާއި ޚިލާފަށް ފާސްކުރި ބިލު ހިމެނޭނީ ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުންކަމުގައި. އެއީ ގާނޫނުއަސާސީ ގެ 141 ގެ (ނ) އާއި ޚިލާފްއަށް ހިންގި އަމަލެއް. ފާސްކުރި ބިލެއް. ފަނޑިޔާރުންނާއި ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ވާޖިބު އަދާކުރެއްވުމުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލަން.“ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްފައިވަނީ އަވަސްއަރުވާލައިގެން، މަޖިލީހުގެ ޤަވާއިދާއި އުސޫލުތަކާ ޚިލާފަށެވެ. އެހެންކަމުން ޝާހިދު ވަނީ ފަނޑިޔާރުންނަށް ޤާނޫނުއަސާސީން ހަވާލުކޮށްފައިވާ ވާޖިބު އަދާކުރެއްވުމުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލައްވާފައެވެ.
މި ބިލް ފާސްކޮށްފައި ވަނިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައެވެ. މި ތިން ފަނޑިޔާރުންނަކީ އަޒްމިރާލްދާ ޒާހިރު، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދދެވެ. ޖޭއެސްސީން ވިދާޅުވެފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރަމުންދާކަން އަންގާފައިވާތީއެވެ.

































