ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
އެމްޑީޕީން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއް ވަޒީރު އިޙްސާނު ކުރައްވާފައިވާކަމަށާއި ޤާނޫނުތަކާ ވަޒީރު ހިލާފުވެފައިވާކަމަށެވެ.
ވަޒީރު އިޙުސާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
އެގޮތުން އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނަަށް ހުށަހަޅާފައިވާ ފޯމުތަކުގައި އެކުލެވޭ މައުލޫމާތަކީ ޑީއެންއާރްގެ ޑޭޓާބޭސްއިން މެނުވީ ނުލިބޭނެ މައުލޫމާތުތަކެއް ކަމަށެވެ.
އަދި އިޙުސާން މިނިސްޓަރުކަމުގައި ހުންނެވުމަކީ އެ މައްސަލައިގެ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނާނެ ކަމެއްގެ ގޮތުގައި ސިފަކޮށް، އެމްޑީޕީން ބުނެފައިވަނީ އޭނާ އެ މަގާމުގައި ހުންނެވުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވާއިރު ވަޒީރު އިޙުސާން ގެންދަވަަނީ ވުޒާރާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ގިނަ ކަންތައްތަކެއް ރަނގަޅުކުރެއްވުމަށް ގިނަގުނަ މަސައްކަތްތައް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.
އިދިކޮޅު އެންމެ ބޮޑު އެއް ޕާޓި ކަމުގައިވާ އެމްޑީޕީގެ 12 މެންބަރުން ހުށަހެޅި މި މައްސަލައިގައި ޖުމުލަ ދެ ގަޑިއިރުގެ ވަގުތު ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން އެއް ގަޑިއިރު ދޭން ނިންމާފައިވަނީ މިނިސްޓަރު އިޙުސާނު ޖަވާބުދާރީވުމަށެވެ. އަނެއް ގަޑިއިރު ހަމަޖެހިފައިވަނީ މެންބަރުންގެ ސުވާލުތަކާއި ބަހުސަށެވެ.

































