181 މިލިއަން ރުފިޔާއަށް ދ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް(އާރުޑީސީ)އާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ، މިމަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އައު ހޮސްޕިޓަލުން ލިބިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި، ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ އަކާއި، ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސޯލަރ ޕީވީ ސިސްޓަމް މި ހޮސްޕިޓަލްގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން އާއި މެޑިކަލް އެއަރ އެޅިގެންދާއިރު، ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއް ޤާއިމްކުރެވިގެންދާނެއެވެ. މިއާއެކު ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ޤާއިމްކުރުމުގެ އިތުރުން މެމޮގްރަފީގެ ޚިދުމަތާއި ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރ ޤާއިމްކުރެވިގެންދާނެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރުއެވެ.

































