މާލޭގެ އެކި ސަރަޙައްދުތަކުން ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރު ފެންނަމުންދާތީވެ އެކަމުގެ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ފަށައިފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
މިގޮތުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިނިސްޓްރީން ބުނެފައިވަނީ މާލޭގެ އެކި ހިސާބުތަކުގައި ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރުތައް ފެންނަ ވަރު އިތުރުވަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ މިކަން މިހެން މެދުވެރިވާ ސަބަބުތައް ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ ތަފްސީލު އާއްމު ކުރާނެ ކަމަށެވެ.
މިނިސްޓްރީން ކޮށްފައިވާ ޕޯސްޓްގައިވަނީ ބަލިޖެހިފައިވާ ބައެއް ކޮތަރުތަކުގެ ފޮޓޯވެސް ޙިއްސާކުރައްވާފައެވެ. މިގޮތުން ފޮޓޯތަކުން ފެންނަ ގޮތުގައި ބަލިޖެހިފައިވާ ބައެއް ކޮތަރުތަކުގެ އަނގަ ކައިރި ވަނީ ފާރު ވެފައެވެ. އަދި ކޮތަރުތަކުގެ ނިގޫ ފަތްގަނޑު ވެސް ހަޑިވެފައިވާކަން ފޮޓޯތަކުން ފެނިގެންދާއިރު ސާމްޕަލް ނެގުމުގެ މަސައްކަތްތައް އެޗްޕީއޭއިން ނަގާތަންވެސް ފޮޓޯތަކުން ފެނެއެވެ.

































