ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އިސްނަގައިގެން ބޭއްވި ”ބަންދު ފޯރަމް“ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ފޯރަމް ބޭއްވި މަޤްޞަދަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖަޢާކޮށް މުޠާލިޢާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމެވެ.
އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމެވެ. އަދި އެ ކަންކަމަށް އޮތް ޙައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުމެވެ.
މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެޓާރނީ ޖެނެރަލްގެ އޮފީހާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަން އިން ބައިވެރިވިއެވެ. ބަންދު ފޯރަމް ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.


































