ހދ. ހިރިމަރަދޫ ރައްޔިތުން، ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އިއުލާންކުރައްވައިފިއެވެ.
ތަރުޖަމާނު ހީނާ މިއަދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ހީނާ ދެއްވާފައެއް ނުވެއެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ، އެ ރަށުގެ ރައްޔިތުންގެ އެދުމަށް، އެ ރަށުގެ ކައުންސިލުން އެކަން ސަރުކާރުގައި އެދުމުންނެވެ. އެގޮތުން އެ ރަށުގެ ކައުންސިލުން އެންމެ ފުރަތަމަ އެދުނީ، އެ ރަށުގެ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށެވެ.
އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގައި މި ވަގުތު ހުރި ރަށްރަށްގެ ތެރެއިން ހާއްސަ ގޮތެއްގައި ރައްޔިތުންގެ ވިސްނުމާއި ފިކުރަށްފަހު، އެހެންތަނަކަށް ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންހުރި ގޮތުގެ ސާވޭއެއް ކުރަން ފަށާފައި ވެއެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. ހިރިމަރަދޫ އަކީ 590 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެހެން ނަމަވެސް އެ ރަށުގައި ދިރިއުޅެނީ އޭގެ ތެރެއިން ވަރަށް 300 އެއްހާ މީހުންނެވެ.
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމި އިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

































