ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) ކަމަށެވެ.
ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ ދަނީ ކުރަމުންނެވެ.
އެގޮތުން އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަން އެނގިފައިވެއެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ.
ވީމާ، ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

































