މުޖުތަމަޢުގައި ހިމެނޭ ހުރިހާ ގިންތިތަކުގެ ތެރެއިން އެންމެ މަތިވެރި ސްލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާން ޖެހޭ މީހުންނަކީ މުއައްޒަފުންކަމަށް މިއަދު ރާއްޖޭގައި ކުރި ހުކުރު ނަމާދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުތުބާގައި، މުއައްޒަފުންގެ ކިބައިން ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚުލާޤީ ސިފަތައް ފެންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވީ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަޤްޞަދުމަތީން ހަދާންކޮށް އެމަޤްޞަދު ޙާސިލް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ މީހެއްކަން ޚުތުބާގައި ހަދާންކޮށްދީފައި ވެއެވެ. މިމަޤްޞަދު ޙާސިލް ކުރެވެނީ މާތްﷲ އާއި އެކަލާންގެ އަޅާ އާއި ދެމެދު އޮންނަ ގުޅުން ރަގަޅު ކުރެވިގެން ކަމަށާއި އަދި ދޭދޭ ފަރުދުންގެ މެދުގައި މެދުގައި ކުރެވޭ މުޢާމަލާތްތަކަކީ އަޚުލާޤީ އިމުގެ ތެރެއިން ކުރެވޭ ހެޔޮ މުޢާމަލާތްތަކަކަށް ވެގެން ކަމަށްވެސް މިއަދުގެ ޚުތުބާގައި ވިދާޅުވެފައި ވެއެވެ. އިސްލާމީ ޝަރީޢަތާއި ވަޟުޢީ ޤާނޫނު ބުނެދޭ މަތިވެރި އަޚުލާޤުގެ ކުރީގައި ވަނީ އަޙުދަށް ރައްކާތެރިވުން ކަމަށާއި އެއީ ޙަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާ ކުރުން ކަމުގައި ޚުތުބާގައި ވިދާޅުވެފައި ވެއެވެ. އަދި އެއީ މުއައްޒަފެއްގެ ހައިޘިއްޔަތުން ތިބާ އެއްބަސްވެ ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް އަމަލު ކުރުން ކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތަކީ މުއައްޒަފުން ރައްކާތެރިވާން ޖެހޭ ބޮޑު އަމާނާތެއްކަމަށާއި ވެވޭ ޢަހުދަކާއި އަޤްދެއްކަމަށް މުއައްޒަފުންނަށް މިއަދު ހުތުބާގައި ހަދާން ކޮށްދެއްވާފައި ވެއެވެ. އޮފީހުގެ ކަރަންޓާއި ފެނަކީވެސް އަމާނާތެއް ކަމަށާއި، ފޯނާއި ކަރުދާހާއި ދެއްޔަކީވެސް އަމާނާތެއް ކަމަށާއި، އޮފީހުގެ މެޝިނަރީއަކީވެސް އަމާނާތެއް ކަމަށާއި، މުއައްސަސާގެ މުހިންމު މަސައްކަތްތަކާއި ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެއް ކަމަށް މިއަދުގެ ޚުތުބާގައި އިޝާރާތް ކުރައްވާފައި ވެއެވެ. މިކަންކަމަށް މުއައްޒަފުން ރައްކާތެރިވުމަށް މިއަދު މުޅި ރާއްޖޭގައި ކުރި ހުކުރު ނަމާދުގެ ޚުތުބާގައި ގޮވާލައްވާފައި ވެއެވެ.

































