ބިދޭސީންތަކެއް މުސާރަނުދީގެން ކަމަށްބުނެ މާލޭގެ މަގުމައްޗަށް އެއްވި މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.
ބިދޭސީންތައް އެއްވެގެން އުޅޭ މައްސަލައާއި ގުޅޭގޮތުން ފުލުހުން މީޑިއާ ގްރޫޕަށް ހިއްސާކުރި މެސެޖް ގައި ބުނީ، ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އެންޓި ޓްރެފިކިން ޑިޕާޓްމެންޓުން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
މުސާރަ ނުދީގެން މަގުމައްޗަށް އެއްވި ބިދޭސީންތަކަކީ، ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުންދާ ސައުތު ކޭޓަރިން ކުންފުނީގެ މުވައްޒަފުތަކެއްކަމަށްވަނީ އެނގިފައެވެ. އަދި ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ އަލިކިލެގެފާނު މަގުގައި ހުންނަ ސައުތް އެންޓަޕްރައިޒެސް ދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކުރި މަންޒަރެވެ. އެއްވިމީހުންގެ ތެރޭއިން ބައެއް މީހުން ބުނީ މުސާރަ ނުލިބޭތާ 5 މަސްވެއްޖެ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. ދެ ޖިސްނުގެ މީހުން ހިމެނެއެވެ.
ބިދޭސީންނަށް ގަވައިދުން މުސާރަ ނުދޭ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެއެވެ.

































