ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އަދީބުގެ މައްޗަށް ކުރި ދެ ދައުވާ އެއް ސާބިތުވެ، ކޮންމެ ދައުވާއަކުން ވެސް އެއް މިލިއަން ރުފިޔާ ދައްކަން 2020 ވަނަ އަހަރު ހުކުމްކުރިއިރު އަދީބު ދެއްކީ އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އެވެ.
ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަންރުފިޔާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބު އިސްވެ ހުންނަވައި ހިންގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ކުރި ޖޫރިމަނާގެ ބާކީއަށްވާ ފައިސާ އެވެ.
މައްސަލައިގައި އެއް މަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި ނަމަވެސް އަދީބުގެ ފަރާތުން ބުނެފައިވަނީ އެއް ފަހަރާ ފައިސާ ދައްކަން ދަތި ކަމަށެވެ. އެހެންވެ އެ ފައިސާ ނަގައިދިނުމަށް އެދި ދައުލަތުން އޮތީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.
ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ މަސް ދުވަސް ތެރޭގައި މީރާއަށް ދައްކަން 31 ޑިސެމްބަރ 2024 ދުވަހު ސިވިލް ކޯޓުންވަނީ އަދީބުގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ފަހުން ހުކުމް ތަންފީޒު ކުރެއްވީ ގޭގައި ހުންނަވައިގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހުދުވަސްކޮޅު ، އަދީބުއަށް ވަނީ މާފު ދެއްވާފަ އެވެ. އޭގެފަހުން އަދީބު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ.

































