ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 145ދަރިވަރަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުންބުނީ، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު އެމަރުކަޒުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ކުށްތަކަކީ ކޮބައިކަމާއި ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާކަމުގައެވެ.
ކުރިއަށް ގެންދެވުނު ސެޝަންގައި ކުށްތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ގިނަ ވަގުތު ގެއިން ބޭރުގައި ބޭކާރު ގޮތުގައި ވަގުތު ހޭދަނުކުރުމަށާއި ގޮތް ނޭނގޭ މީހުންނާ ވާހަކަ ނުދެއްކުމާއި، ރަހުމަތްތެރިން އިހުތިޔާރުކުރުމުގައި ވިސްނަންވީ ކަންކަމާ ގުޅޭގޮތުން ނަސާހަތްތެރިވެފައިވެއެވެ. އަދި މައިންބަފައިންނާއި ޓީޗަރުންގެ ބަސް ގަބޫލުކޮށް ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމަށާއި މުއާމަލާތްކުރުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމްކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެއިތުރުން މި ސެޝަންގައި ވަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި އިންޓަރނެޓް ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންވީ ކަންކަމާއި އިންޓަރނެޓް ބޭނުންކުރާއިރު ނުރައްކަލެއް ދިމާވެއްޖެނަމަ އެފަދަ ކަމަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 އާ ދެމެދު ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

































