މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރ މަހުގެ 10ވަނަ ދުވަހު ބޮޑެތި ޒަޚަމްތަކާއި އެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ފުރިހަމަ ތަހްޤީޤުއެއްކޮށް އިންސާފު ޤާއިމް ކޮށްދިނުމަށް ގޮވާލާ ހޮޅުދޫ ރައްޔިތުން ސިލްސިލާކޮށް ބާއްވަމުން ދާ އެއްވުން މިއަދުވެސް ބާއްވައިފިއެވެ. މިއެއްވުމުގައި ސަރުކާރަށާއި ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ގޮވާލަފައި ވަނީ ޒަކިއްޔާ މޫސާ މަރުގެ ފުރިހަމަ ތަޙްޤީޤް ކޮށްދެއްވާ އިންސާފު ޤާއިމް ކޮށްދިނުމަށެވެ. އިންސާނެއްގެ ފުރާނައަކީ އަގުބޮޑު އެއްޗެއް ކަމަށާއި އެކަމަށް އިޙްމާލު ނުވުމަށް ގޮވާލާފައި ވެއެވެ.
ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭ ހެއްކެއް ހޯދިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ
މިއަދު ބޭއްވި އިހްތިޖާޖުގައި ހޮޅުދޫ ރައްޔިތުން ގޮވާލާފައިވަނީ ޒަކިއްޔާ މޫސާ މަރުވެފައިވަނީ އަމިއްލައަށް ނޫންކަމަށެވެ. އަދި އެއީ ޤަތުލެއް ކަމަށާއި ފުލުހުން ހަދަނީ ދޮގު ކަމަށާއި އޮޅުވާ ނުލާ ޒަކިއްޔާ މޫސާގެ މަރު ފުރިހަމަ ތަޙްޤީޤު ކޮށްދެއްވާ އިންސާފު ޤާއިމް ކޮށްދެއްވުމަށެވެ. ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫ ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް ހޮޅުދޫ ރައްޔިތުން ފާހަގަ ކުރެއެވެ.
ހޮޅުދޫ އަކީ 2000ވުރެ ގިނަ އާބާދީއެއް އޮތް ތައުލީމަށް ލޯބި ކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރެވެއެވެ.

































