ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުން، މި ސަރުކާރުން މަޖިލިސް ބޭނުންކުރަމުން ގެންދަނީ ހަޑިމުޑުދާރު އަދި ޚުދުމުހުތާރު އަމަލުތަކެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ‘މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު’ ގެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މީކާއިލް އަހުމަދު ނަސީމް ކުއްލި މައްސަލަ ހުށައަޅުއްވައި މީކާއިލް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ކުރަމުންދާ އެންމެހާ އަމަލުތައް ކުށްވެރިކުރާކަމަށެވެ.
އަދި މިހާ ހަޑިމުޑުދާރު އަދި ހުދުމުޚްތާރު ގޮތެއްގައި ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން މިފަދަ ނާތަހުޒީބު ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށާއި މަޖިލީހަށް ގޮވާލައްވާކަމަށެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޮތީ ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
އަދި ސަރުކާރާ ގުޅިފައިވާ މެންބަރެއްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު ފަރުމަކޮށްފައި ވަނީ ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި، މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ހަދަން ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އަދި އެ ބިލަކީ ސީދާ ރައީސް އައްޔަނުކުރާ މެންބަރުންގެ މައްޗަށް އެކުލަވާލެވޭ މީޑިއާ ކޮމިޝަނަކަށް ދިނުމާއެކު، ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް، ނޫސްތަކާއި މީޑިއާތައް ބަންދުކޮށްލުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރަށް ލިބިގެންދާ ގޮތަށް އޮތް ބިލެއް ކަމަށް ބުނެފައިވެއެވެ.
މި ބިލަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް، ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ނާޖާއިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުކުރެވޭ ބޮޅެއް ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހަށް އިއްޔެ ތައާރަފުކުރި މީޑިއާ ބިލުގައި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެއެވެ.
ބިލުގައިވާ ގޮތުގައި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަންގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މެންބަރެކެވެ. އޭގެ ތެރެއިން ތިން މެމްބަރުން އިންތިޚާބު ކުރަން ވޯޓުލެވޭނީ، ރަޖިސްޓްރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
އަދި ގާނޫނުގެ ދަށުން އެކުލަވާލެވޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ޚިލާފުވެއްޖެ މީޑިއާއެއް ނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

































