ރާއްޖެއަކީ ނިސްބަތުން މުއްސަނދި މަހުޖަނުން މަދު ނަމެވެސް 50 އަށްވުރެއްގިނަ އަހަރުވެފައިވާ ފަތުރުވެރިކަން އޮތްޤައުމެކެވެ. ފަތުރުވެރިކަމުން ލިބޭ ނަފާއިން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. މިޤައުމުގައި އޮތީ ގުދުރަތީ ރީތިކަމެވެ. އަމާންކަމާއި ހިތްހެޔޮ މެހެމާންދާރީ އަދާކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ހިނުތުންވުމެވެ. ކިޔަމަންތެރި އަދަބު އިހްތިރާމް މައްޗަށް އަހުވަންތަ ގުޅުންދައްކުވާ ނަމޫނާ ރައްޔިތެއް މިޤައުމުގައި އެބައޮތެވެ. ނަމަވެސް މިއަދުގެ ތައުލީމީ ޒުވާންޖީލު ޤައުމުގެ ހިންގުމުގެ އިސްސަފުގައި އަމިއްލަ މިނިވަން ވިޔަފާރިއެއްގައި ހަރަކާތްތެރިވުމަށް އޮތީ ހަނިފުރުޞަތެކެވެ. އޮތް ފުރުޞަތަކީ ސަރުކާރުގެ އޮފީހެއްގެ ވަޒިފާއަދާ ކުރުމުން ލިބޭ މިންވަރު ބަދަލުނުވާ ވަޒީފާއެވެ. ނޫނީ ދެންއޮތީ ރިސޯޓުތަކުގެ މުއްސަނދިންގެ ކުންފުނިތައް ހިންގުމުގައި ވަޒީފާގައި އުޅުމެވެ. މިއީ ރާއްޖޭގެ ވަޒިފާގެ ބާޒާރުއޮތްގޮތެވެ. ނަމަވެސް މިކަމަށް ބަދަލުއަންނަން ޖެހެއެވެ. ޤައުމުގައި އިތުރު ފަންތީގެ މުއްސަނދިން އުފެދުމުގެ ފުރުޞަތު ދޭންޖެހެއެވެ. ޒަމާނީ ބަދަލުތަކުގެ ފައިދާ ބޭނުންކުރުމުގެ ފުރުޞަތު ލިބިގަތުމަށް ދޮރުތައް ހުޅުވަން އެބަޖެހެއެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތުބަދަލުވަމުންދާ ހަލުވިކަމުން، ދިރިއުޅުން ދެކޮޅު ނުޖެހި އުޅުމަކީ ކަންބޮޑުވުމެކެވެ. ލިބޭ މުސާރަ އިތުރުނުވެ ކުރަން އޮންނަ ހަރަދު ބޮޑުވުމުން ދިރިއުޅުން ހާސްކަމެއްގައި ވަނީ ޖެހިފައެވެ. ހަޤީޤަތުގައިވެސް ޤައުމުގައި އޮތީ ޒަމާނީ ތައުލީމު އާންމުވެފައެވެ. އުފެއްދުންތެރި ޚިޔާލުތަކަށް ޒުވާނުން ދަނީ ދުނިޔޭގެ ފެންވަރުގައި ހިމެނެމުންނެވެ. ފުރުޞަތުގެ ބޭނުންކުރުމަށް ހަނިފުރުޞަތު އޮތް އިރުވެސް ޒުވާނުންގެ މެދުގައިއޮތް މަސައްކަތުގެ ޝައުގުވެރިކަމަށް ފަޑުވުމެއްނެތެވެ. އިޤްތިޞާދީ ފުދުންތެރިކަމާއި އަދި އުފެއްދުންތެރިކަމަށް ޒުވާނުންގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް ހަޤީގީ މައްސަލައޮތީ ވަޅުޖަހާފައެވެ. އަލިމަގެއް ފެނުމާއި ދުރުގައެވެ. ޒުވާނުންގެ އުފެއްދުންތެރި ޚިޔާލަށް ޖާގަނެތިގެންނެވެ. މަތީދަރަޖައިން މަތީފާސްތަކެއް ލިބިދީފައިވީ ނަމަވެސް އަމަލީ މައިދާނުގައި މުއްސަނދި ފުދުންތެރި ދިރިއުޅުމުގެ ފުރުޞަތު ނުލިބެއެވެ.
ޤައުމުގައި އޮތް ފަތުރުވެރިކަމުން މުއްސަނދިކަން ހޯދިމީހުން ފިޔަވާދެން އެހެންބައެއް ނެތެވެ. ޤައުމުގައި މަސްވެރިކަންކުރާ މަހުޖަނެއް އަމުދުންނެތެވެ. ދަނޑުވެރި މަހުޖަނެއްނެތެވެ. ކަންމަތީ ވިޔަފާރިވެރި މަހުޖަނެއްނެތެވެ. ފެންނަމުންދާ ހަޤީޤަތަކީ ދިރިއުޅުން ބޭންކަށް ދަރާފައިވާ ދަރަނިވެރި ދިރިއުޅުމެވެ. ޤައުމުގައި ހުރި މުއްސަނދިކަން އޮތީ ވަކި އިންތަކެއްގައި ހުއްޓިފައެވެ. ވަކިބަޔަކަށް ވާރުތަވާ މުލަދަށް ވެފައެވެ. ލިބޭތާ ލިބިގަތުމުގެ މިސާލުގައެވެ. އިތުރު މުއްސަނދިންކަމެއް ފަތުރުވެރިކަމުން ނޫންގޮތެއްގައި ނުފެންނަގޮތުގައެވެ. ފަތުރުވެރިކަމުގައި އުޅޭ ދެތިން މަހުޖަނުންނަށް ނޫން ބަޔަކަށް ޤައުމުގެ މުއްސަނދިކަން ލިބިފައިނެތެވެ. ލިބިދިން ފަތުރުވެރި ރަށްތައް ތަރައްޤީ ކުރަމުންދަނީ ވަކި އާއިލާއަކަށް ލިބިދޭ މުއްސަނދިކަމެއްގެ ސަޤާފަތެއްގެ މައްޗަށެވެ. މަދު ރަށްތަކެއް ދިގުމުއްދަތަށް ދެވިފައިވުމަކީ ވެސް ދެވަނަ ވިސްނުމަކަށް ދާންޖެހޭނެކަމެކެވެ.
މިއަދު މިޤައުމުން ޒުވާންމަހުޖަނުން ނުފެންނަނީ ކީއްވެތޯވެސް ސުވާލުއުފެދެއެވެ. އަދި މިއަދު ޤައުމުގައި ނެތް އެއް ވަޞީލަތަކީ ވިޔަފާރިތަކަށް ބޮޑެތި އަދަދުންލޯނު ދޭނެބެންކެއް ނެތުމެވެ. އަދި ކުރިމަގުގައިވެސް ވިޔަފާރިތަކަށް ލޯނުލިބޭނެ ފުރުޞަތު ހުޅުވިފައިނެތުމެވެ. މިޤައުމުގެ މުއްސަނދިކަން މަދުބައެއްގެ އަތުގައި އެއޮތީ ކީއްވެތޯއެވެ؟ ޤައުމުގެ އުފެއްދުންތެރިކަމަށް ދުރުރާސްތާ ޕްލޭނެއްގެ އެހީގައި ހައްލުކުރުމަށް، ދުރުވިސްނުން ގެންގުޅެގެން ނަތީޖާއެއް ހޯދުން ވަރަށް ބޭނުންތެރިއެވެ. ޤައުމެއްގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށް އިތުރު ހަރުފަތެއް ގިރާކުރެވެނީ ޒުވާން މަހުޖަނުން އުފެދިގެންނެވެ. އެފުރުޞަތު ދީގެންނެވެ. ބަދަލުވަމުންދާ ސަރުކާރުތަކުން ޤައުމުގައި ތިބި މަދު މަހުޖަނަން ސަނާކިއުމާ ދުރުވެގެންނެވެ. ޤައުމުގެ ފުދުންތެރިކަން ދެމެހެއްޓުމަށް ޒުވާނުން ބާރުވެރިކުރުވަން ޖެހެއެވެ. އެޒުވާނުން އިންވެސްޓުކުރުމަށް ބޮޑެތި ލޯނުދޭނެ ބެންކެއް މުހިއްމެވެ. ލޯނުން މަގުކޮށައިގެން ނަފާނަގާނެ ޤާބިލްކަން ހުރި ދިވެހި ތައުލީމީ ޒުވާނުންގެ ކިބައިގައި ހުންނާނެވެ. ބޭނުންވަނީ ފުރުޞަތެވެ. ޔަޤީނުންވެސް ނަތީޖާ ދައްކާނެއެވެ.

































