ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މި ސަރުކާރުން އިސްކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދަޅުވީ، ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް ފެށުމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަމެއްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ އިގްތިޞާދު ވެއްޓެމުންދިޔަ ފުން އަނދަވަޅުން ސަލާމަތްކުރުންކަމަށާއި، މިއަދު އިގްތިޞާދު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ފެށ،ި ކަންކަން ހަމަމަގަށް އެޅެމުންދާ މަންޒަރު ފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންވާ ފަދައިން ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަކީ ވެސް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިރިއުޅުމުގެ އާދަތައް ބައްޓަންވެފައިވާ ގޮތުން ގަވާއިދުން ކަސްރަތުކުރުމަކީ އަށަގަންނުވަންޖެހޭ އާދައެއްކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
”ގިނަ ވަގުތުތަކުގައި މަސައްކަތްކުރަނީ ގޮނޑިތަކުގައި އިށީނދެ ތިބެ. އެހެންކަމުން ހެލިފެލިވެ އުޅުން މަދުވެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބުން ދަށްވޭ. ފުރުޞަތު ހޯދައިގެން މިކަމަށް މަސައްކަތް ކުރަން އެބަޖެހޭ. ކަސްރަތުން ދުރުހެލިވޔުމުން ހިތުގެ ބައްޔާއި ކެންސަރުފަދަ ތަފާތު އެކިއެކި ނުރައްކާތެރި ބަލިތަކާ ކުރިމަތިލާން ޖެހޭ“ ރައީސުލްޖުމްޙޫރިއްޔާގެ ނައިބް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.
މި ޕްރޮގްރަމުން ލިބޭ މަޢުލޫމާތުގެ އަލީގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދޭނެކަމަށް ޔަޤީންކުރައްވާކަމަށް ނައިބްރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް ޒޯން އެކެއްގައި ފެށިނަމަވެސް މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ޓްރެއިނަރުންނަށް ލިބޭ މަޢުލޫމާތުގެ ސަބަބުން އޭގެ ފައިދާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކުވެސް ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއްގައި ހެލިފެލިވެއުޅުމުން ލިއްބައިދޭ ފައިދާ ކޮންމެ މީހަކަށްވެސް ލިބުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ލިބިފައިވާ ތަމްރީންގެ އަލީގައި ރަށުފެންވަރުގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން އިތުރު ޕްރޮގްރާމްތައް ރާވައިގެން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަތެވެ.

































