މިއަދަކީ ދިވެހި ރާއްޖޭގެ ފަޚުރުވެރި ޖުމުހުރީ ދުވަހެވެ. 850އަހަރަށް ވުރެ ގިނަދުވަސްވީ ރަސްކަމުގެ ނިޒާމްގެ ބަދަލުގައި ޖުމުހޫރީ ނިޒާމަކަށް ބަދަލްވި ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ އެން ނިއުސް ލޮބުވެތި ކިޔުންތެރިންނަށް ރައްދު ކުރަމެވެ. އަޅުގަނޑުގެ މި ރިޕޯޓްގައި މިބަލާލަނީ ދިވެހި ސިޔާސީ އުދަރެހުން އެރި އަލިގަދަ ތަރިއެއް އެރުމާއި އޮއްސިގެން ދިޔަ ގޮތުގެ ކުރު ޚުލާޞާއެކެވެ.
ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއެވެ. ޒަމާނީ ތަޢުލީމާއި ތަހުޒީބުގެ އަލިކަން ދިވެހި ފަސްގަނޑަށް ގެނެސްދެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި މުޙައްމަދު އަމީންގެ ވެރިކަމަށް އެރުމާއި، އޭގެ ފަހުން އެ ވެރިކަން ނިމިގެންދިޔަ ހިތާމަވެރި ގޮތަކީ ދިވެހި ތާރީޚުގައި ޢިބްރަތްތެރި ޞަފްޙާތަކެކެވެ.
މުޙައްމަދު އަމީން ދައުލަތުގެ ހިންގުމުގެ ދާއިރާއަށް ނުކުމެވަޑައިގަތީ ބޭރު ޤައުމުތަކުން (ސިލޯނާއި އިންޑިއާއިން) މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު 1930 ގެ އަހަރުތަކުގައެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ތޫނުކަމާއި ހިންގުންތެރިކަމުގެ ސަބަބުން ދައުލަތުގެ އެކި މަޤާމުތަކުގައި ވަރަށް އަވަހަށް ކުރިއެރުން ހޯއްދެވިއެވެ. ޚާއްޞަކޮށް، ދެވަނަ ބޮޑު ހަނގުރާމައިގެ ދަތި އުނދަގޫ ދުވަސްވަރު، ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހޯއްދަވައިދެއްވުމުގައްޔާއި ރައްޔިތުން ބަނޑުހައިހޫނުކަމުން ސަލާމަތްކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވިއެވެ.
1952 ވަނަ އަހަރު އޭރުގެ ރަދުން އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމުނެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށްފަހު، 800 އަށްވުރެ ގިނަ އަހަރުވީ ރަސްކަމުގެ ނިޒާމު އުވާލައި، 1 ޖަނަވަރީ 1953 ގައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާންކުރެވުނެވެ. ރައްޔިތުންގެ ބޮޑު ތާއީދަކާއެކު އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ މުޙައްމަދު އަމީނެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު މުޙައްމަދު އަމީން ޤައުމު ތަރައްޤީކުރުމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވަން ފެއްޓެވިއެވެ. ތަޢުލީމީ ނިޒާމު ފުޅާކުރެއްވުމާއި، އަންހެނުންނަށް ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހުޅުވާލައްވައި ޤައުމީ ކަންކަމުގައި ބައިވެރިކުރެއްވުމާއި، ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެއްވުން ފަދަ އިޖުތިމާޢީ އިޞްލާޙުތައްވެސް ތަޢާރަފުކުރެއްވިއެވެ.
ނަމަވެސް، މި ބަދަލުތަކަކީ އޭރުގެ މުޖުތަމަޢުގެ ބައެއް ފަރާތްތަކަށް ބަލައިގަންނަން އުނދަގޫ ކަންކަމަށް ވިއެވެ. ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ކާބޯތަކެތީގެ އަގު ބޮޑުވުމާއި، ދުންފަތް މަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ. މީގެ އިތުރުން، ސިޔާސީ ވާދަވެރިންގެ ފަރާތުން ވެރިކަމާ ދެކޮޅަށް ރޭވުންތައް ރޭވެމުންދިޔައެވެ.
1953 ވަނަ އަހަރުގެ އޮގަސްޓް މަހު މުޙައްމަދު އަމީން ބޭސްފަރުވާއަކަށް ސިލޯނުގައި ހުންނަވަނިކޮށް، މާލޭގައި އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް އިންޤިލާބެއް ގެނެވުނެވެ. ނައިބު ރައީސް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީއާއި އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްވެ ތިއްބަވައިގެން 21 އޮގަސްޓް 1953 ގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސްކަމުގެ މަޤާމުން އެމަނިކުފާނު ޢަޒުލުކުރެވުނެވެ.
މި ޚަބަރު ލިބިވަޑައިގަތުމުން، ރާއްޖެ ވަޑައިގެން އަލުން ވެރިކަން ހޯއްދެވުމަށް މުޙައްމަދު އަމީން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެ މަސައްކަތްޕުޅު ނާކާމިޔާބުވެ، ރުޅިގަދަވެފައި ތިބި ބައެއްގެ ހަމަލާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އޭގެ ފަހުން އެމަނިކުފާނު ކ. ގާފަރަށް އަރުވާލެވުނެވެ. ލިބިވަޑައިގަތް އަނިޔާތަކާއި އާލާސްކަންފުޅުގެ ސަބަބުން ޙާލުކޮޅު ސީރިއަސްވެ، ވިހަމަނާފުއްޓަށް ގެންދެވުނުތާ މާގިނަ ދުވަހެއް ނުވެ، 19 ޖަނަވަރީ 1954 ގައި އެމަނިކުފާނު އަވަހާރަވިއެވެ.
މުޙައްމަދު އަމީންގެ ވެރިކަން އެންމެ ހަތް މަހާއި ދުވަސްކޮޅަކަށް ދެމިގެންދިޔަ ނަމަވެސް، އެމަނިކުފާނަކީ ޒަމާނީ ދިވެހިރާއްޖޭގެ ބާނީއެވެ. ވެރިކަމަށް އެރުމުގައި އެމަނިކުފާނުގެ ޢިލްމާއި ހިންގުންތެރިކަން މުހިންމު ދައުރެއް އަދާކުރި ފަދައިން، ވެރިކަން ވެއްޓުމަށް މެދުވެރިވީ ޤައުމުގެ އިޤްތިޞާދީ ދަތިކަމާއި، މުޖުތަމަޢު ތައްޔާރުނުވަނީސް ގެންނަވަން އުޅުއްވި އަވަސް ބަދަލުތަކާއި، ސިޔާސީ ވާދަވެރިކަމެވެ. އުފަންވެ ބޮޑުފުޅުވި ރަށަށް ވަޑައިގަތުމުގެ އެއްވެސް ފުރުޞަތެއް ނުލިބި ، ރާއްޖޭގެ ތަރައްޤީއާއި މެދު އައު ވިސްނުންތައް ގެންގުޅުއްވި ބަތަލަށް ހަމަ އެދިވެހިން ދިން “ އަނިޔާ“ގެ ވޭންތަކުގައި އަވަހަރާވެގެން ދިޔައީ އާއިލާއާއި ލޯބިފުޅުވާ ދަރިކަބަލުނާއި ބަދަލުވުމުގެ ފުރުޞަތު ނުލިބިއެވެ. މިއަދު މިކިޔާ އިންސާނީ ހައްޤުތަކާއި ތިޔަބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯ؟ ރައީސް އަމީންގެ ހަޔާތްޕުޅުން ފެންނަނީ އިބްރަތްތެރި އެތައް ފިލާވަޅުތަކެކެވެ. ދިވެހި އުދަރެހުން އެރި އަލިގަދަ ތަރި އޮއްސިގެން ދިޔައީ ހިތާމަ އާއި ލަދުވެތި ގޮތަކަށެވެ.

































