ށ. ޅައިމަގަށް މިއަދު އެރި ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ހަތަރު ވަރަކަށް ގެއާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެ، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެ މީހާއަށް މިހާރު ދަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. ނަގޫރޯޅީގެ ސަބަބުން ގެތަކުގެ ފުރާޅު އެއްލައިލުމުގެ އިތުރުން ރަށުގެ ބައެއް ގުދަންތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ހާލަތު ވަރަށް ގާތުން ދަނީ ބަލަމުންނެވެ. އަދި ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފުސީލު ހޯދައި، ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

































