ވެރިކަމާއި ބާރަކީ އިންސާނާގެ ތާރީޚު ފެށުނީއްސުރެ މިއަދާ ހަމައަށްވެސް، އިންސާނީ ނަފްސު އެންމެ ބޮޑަށް ދަހިވެތިވާ އެއް ކަންތަކެވެ. ވެރިކަން ބޭނުންވުމަކީ އިންސާނާގެ ފިތުރަތުގައި ހުންނަ ކަންކަމާ ގުޅިފައިވާ ކަމެއް ނަމަވެސް، އެކަން ހައްދުފަހަނަޅައި ގޮސް ”ވެރިކަމަށް ދެވިހިފުމަކަށް“ ބަދަލުވުމަކީ މުޅި މުޖުތަމައާއި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ ނުރައްކާތެރި ބައްޔެކެވެ. މިއީ ސިޔާސީ، އިޖުތިމާއީ އަދި ނަފްސާނީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ މައުޟޫއެކެވެ.
އިންސާނުން ވެރިކަން ބޭނުންވަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. ބައެއް ފަހަރު އެއީ މުޖުތަމައަށް ހިދުމަތްކުރުމާއި، އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މާތް މަގުސަދުގައެވެ. ނަމަވެސް، ގިނަ ފަހަރަށް ވެރިކަން ބޭނުންވަނީ އޭގެ ސަބަބުން ލިބޭ ބާރާއި، ޝަރަފާއި، މާލީ މަންފާތަކުގެ ދަހިވެތިކަމުގައެވެ. ބާރުގެ ބޭނުންކޮށްގެން އެހެން މީހުންގެ މައްޗަށް ގަދަވެގަތުމަކީ އިންސާނާގެ ކިބުރުވެރިކަމާއި ކޮންޓްރޯލް ބޭނުންވާ ނަފްސަށް ލިބޭ ވަގުތީ ހިތްހަމަޖެހުމެކެވެ. މި ހިތްހަމަޖެހުން ތަކުރާރުކޮށް ލިބުމުން، އެކަން ދެވިހިފުމަކަށް ބަދަލުވެއެވެ.
ވެރިކަމަށް ދެވިހިފުމަކީ މަސްތުވާތަކެއްޗަށް ދެވިހިފުން ފަދަ ނުރައްކާތެރި ކަމެކެވެ. ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، މާ ބޮޑަށް ބާރު ލިބުމުން ސިކުނޑީގެ މަސައްކަތްތަކަށް ބަދަލު އާދެއެވެ. ވެރިކަމަށް ދެވިހިފާފައިވާ މީހާއަށް، އެ ބާރު ނެތިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އިހުސާސް ކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ ފަދަ ގޮތަކުން ނަމަވެސް ވެރިކަމުގައި ދެމީހުރުމަށް އޭނާ މަސައްކަތް ކުރެއެވެ. ގައުމުގެ ގާނޫނުތަކާއި އުސޫލުތައް މުގުރާލުމާއި، ކޮރަޕްޝަނާއި، އަނިޔާވެރިކަން އިސްކުރުމަކީ މިފަދަ މީހުންގެ ކިބައިން ފެންނަ އާންމު ސިފަތަކެވެ.
ތާރީޚަށް ނަޒަރު ހިންގާލާއިރު، ވެރިކަމަށް ދެވިހިފުމުގެ ސަބަބުން ބޮޑެތި އެމްޕަޔަރުތަކާއި ގައުމުތައް ސުންނާފަތިވެފައިވެއެވެ. އަނިޔާވެރި ޑިކްޓޭޓަރުން އުފެދެނީ ވެރިކަމުގެ ދަހިވެތިކަމުގައި ހައްދު ފަހަނަޅައި ދިއުމުންނެވެ. އެފަދަ ވެރިން ގަބޫލުކުރާ ގޮތުގައި އެމީހުން ނޫން އެހެން އެއްވެސް މީހަކަށް އެ ގައުމެއް ނުހިންގޭނެއެވެ. މިއީ ނަފްސާނީ ގޮތުން އަންނަ ބޮޑު މުސީބާތެކެވެ. ވެރިކަމުގެ ދެވިހިފުމުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުމާއި، ހަސަދަވެރިކަމާއި، ދާޚިލީ ހަމަނުޖެހުންތައް އުފެދިގެންދެއެވެ.
ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒް ދެކޮޅަށް 27އަހަރު ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު، ދެކްނު އެފްރިކާގެ ވެރިކަމަށް ވަޑައިގެންނެވި ނެލްޝަން މަންޑޭލާ ވިދާޅުވެފައި ވަނީ، ”ލީޑަރަކީ ކުއްލިއަކަށް ފަހަތަށް ޖެހިލާ، އެހެން މީހުން ކުރިއަށް ނެރެން އެނގޭ މީހަކަށް ވާންޖެހޭނެއެވެ. ޚާއްޞަކޮށް ކާމިޔާބީގެ ވަގުތުތަކުގައި އެހެން މީހުން ކުރިއަށް ނެރެ، ނުރައްކަލުގެ ވަގުތުގައި ކުރިއަށް ނިކުންނަން ޖެހޭނެއެވެ.”
ނިންމާލަމުން ދަންނަވާނީ، ވެރިކަމަކީ ދާއިމީ އެއްޗެއް ނޫންކަމާއި، އެއީ އަމާނާތެއްކަން ގަބޫލުކުރުމަކީ މި ބަލިން ސަލާމަތްވުމުގެ އަސްލެވެ. ހަގީގީ ވެރިއަކީ ރައްޔިތުންނަށް ހިދުމަތްކޮށް، ވަގުތު ޖެހުމުން ރީތިގޮތުގައި ވެރިކަން ދޫކޮށްލަން ކެރޭ މީހާއެވެ. ވެރިކަން ބޭނުންވުމަކީ ކުށެއް ނޫނެވެ. ނަމަވެސް ވެރިކަމަށް ދެވިހިފުމަކީ މުޅި ގައުމުގެ ސަލާމަތްތެރިކަން ނަގާލާ، އިންސާނާގެ އަޚުލާގީ އަގުތައް ބޮލާލައިޖަހާ ނެކަމެކެވެ.

































