ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުޞޫލެއް ނެތްކަމަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފައިސަލްގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވަނީ، ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އެމަނިކުފާނު އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައެވެ. އަދި މިއީ ޤައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ، އޭގެ ޝަރުޠުތަކާއި، އެއްބަސްވުންތަކާއި، އަދި އޭގެ ސަބަބުން ދިގުމުއްދަތުގައި ނިކުމެދާނެ ނަތީޖާތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭކަމާއި އެކަން ހިއްސާކުރަން ޖެހޭކަމަށެވެ.
ފައިސަލް އިތުރަށް ހިއްސާކޮށްފައިވަނީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމަނިކުފަނު ދެކޮޅު ނޫކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން ވަނީ ނުހަނު ބޮޑު ހިއްސާއެއް ވެފައިކަމުގައެވެ.

ފައިސަލްގެ އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވަނީ، ރައްޔިތުންގެ އަޑުއަހައި، ކަންބޮޑުވުންތަކަށް އިޙްތިރާމްކުރަންޖެހޭނެކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެކަމުގައެވެ.
ފައިސަލް އިތުރަށްވިދާޅުވެފައިވަނީ، އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ނުވަތަ ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެކަމުގައެވެ.
ސަރުކާރުން ހިންގާ ރަސްމާލެގެ މަޝްރޫޢާއި ގުޅިގެން، އިދިކޮޅު ސިޔާސީ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ސިޔާސީ އިދުކޮޅު ޕާޓީތަކުން އަންނަނީ ހާމަކުރަމުންނެވެ.

































