ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް ހުސެއިން ވަކިކޮށްފިއެވެ.
އަފީފް އެ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އިއުލާނު ކުރި ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތަށް 40 އަހަރަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ އަފީފް އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ.އަފީފް ވަނީ، އުމްރާނީ ތަރައްގީއާއި، އަސާސީ ހިދުމަތްތަކާއި، ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ. އެންމެ ފަހުން އަފީފު ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއާމަންގެ މަގާމުގައެވެ. އަދި މީގެ ކުރިން އޭނާ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވާފައެވެ. އޭގެ އިތުރުން، ސަރަހައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.

































