ރަދީފުން ބަސް ހޯދުމާއި ބަހުގެ އެކި މަޢުލޫމާތުތައް ދެނެގަނެވޭނެ ލުއިފަސޭހަތަކާއި، އައު ސިފަތަކާ އެކު ދިވެހިބަހުގެ އެކެޑަމީން ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު މިއަދު ނެރެފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއެރުވުމަށް އައު އިސްދާރުގެ އެޕްލިކޭޝަންގައި ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
މި ފަހަރުގެ އައު އިސްދާރުން ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކީ ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލުވުމާއި، ހުރިހައި ލަފުޒެއްގެ މާނަތައް އެއް ލިސްޓަކުން ފެންނަން ހުރުމެވެ.
މީގެ އިތުރުން، އެމީހަކަށް އެންމެ މަޤުބޫލު ލަފުޒުތައް ފާހަގަކޮށްފައި ބެހެއްޓޭނެ އިންތިޒާމާއި، ކުރިން ހޯދައިފައިވާ ލަފުޒުތައް ވަކިން ފެންނާނެ ނިޒާމެއް ވެސް ވަނީ ހިމަނައިފައެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، މީގެ ކުރިން ލަފުޒެއްގެ މާނަ ހިއްސާކުރެވެނީ ހަމައެކަނި ލިންކެއްގެ ގޮތުގައި ނަމަވެސް، މި ފަހަރު ލަފުޒާއި އޭގެ މާނަ އެކީގައި ހިއްސާކޮށްލެވޭނެއެވެ.
ބަހުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ރަދީފަށް އިތުރުކުރެވޭ ލަފުޒުތައް ”ބަސްތޫރަ ލިސްޓު“ން ވަކިން ފެންނަން ހުންނާނެއެވެ. އަދި އާންމުކޮށް ބޭނުންކުރާ ރަސްމީ ބަހުގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ ބަހުރުވަ ރަދީފުތަކާއި ބޯދާބަސްތައް ވެސް މި އިސްދާރުން ވަކިން ބަލައިލެވޭނެއެވެ.
މީގެ އިތުރުން، ކުރިން ވެސް ފެންނަ ”ދުވަހު ލަފުޒު“ގެ ލިސްޓު އެއްތަނަކުން، ކުރީގެ ކޮންމެ ދުވަހެއްގެ ލަފުޒެއްވިޔަސް ”ދުވަހުގެ ލަފުޒު“ ބައިން، ވަކިން ވެސް ފެންނަން ހުންނާނެއެވެ.
އުނގެނުމާއި ދިރާސާކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ޤަވާއިދުގެ ބައިތައް (ނަން، ކަން، ނަންއިތުރު ފަދަ) ވަކިން ބަލައިލެވޭނެއެވެ. އަދި އަދަބީ ގިންތީގެ ބަސްތަކާއި، މިސާލުބަހާއި ހަރުބަސް ފަދަ ބައިތައް ވެސް ހުރީ ވަކި ގިންތިތަކަކަށް ބަހައިލެވިފައެވެ.
މީގެ އިތުރަށް ދޫނި، ގަސްގަހާގެހި އަދި ބަލިބަލީގެ ނަންތައް ފަދަ ތަފާތު ގުރޫޕުތަކުގެ ލިސްޓުތައް ވެސް ބަލައިލެވޭނެއެވެ. މި ބައިތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ތަރައްޤީކުރައްވާނެ ކަމަށް ދިވެހިބަހުގެ އެކެޑެމީއިން ވިދާޅުވެއެވެ.
މި އިސްދާރުގައި މިހާރުގެ ތަފާސްހިސާބުތަކާއި ބަހުގެ ބައެއް ހަރަކާތްތައް ހިމަނައިފައި ވާއިރު، ބަހަށް ލޯބިކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބަހުގެ ބައެއް ކުޅިވަރުތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.
މިއެޕްލިކޭޝަނަކީ ވެސް ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި، އައު ލަފުޒުތަކާއި މާނަ ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި މިއީ އިތުރަށް ތަރައްޤީކުރަމުންދާނެ އެޕްލިކޭޝަނެއްކަމަށް ވެސް އެ އެކެޑަމީއިން ވިދާޅުވެއެވެ.
އެހެންކަމުން، މި އެޕްލިކޭޝަން ބޭޏުންކުރާ ފަރާތްތަކުން، އިސްލާހާއި ޚިޔާލުތައް ހިއްސާކުރައްވަމުން ގެންދެވުމަށް ދިވެހިބަހުގެ އެކެޑަމީއިން އެދިވަޑައިގަންނަވެވެ.
ދިވެހިބަހުގެ ރަދީފަށް ގެނައި މި ބޮޑު ބަދަލާއި އައު ފަސޭހަތަކާ އެކު މިއަދު ފެންނަން އޮތް ފެންވަރަށް ތަރައްޤީކުރެއްވީ ބަސް ކޮމިޓީގެ ލަފާގެ މަތިން، ޑިވެލޮޕަރ އަޙްމަދު ނަދީމު ކަމަށް ދިވެހިބަހުގެ އެކެޑަމީއިންބެނެފައިވެ އެވެ.

































