ޕާކިސްތާނުގެ 79 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ ސެނެޓަރ މުހައްމަދު އިޝާގް ދާރ އަށް ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އެކަމަނާގެ ސިޓީފުޅުގައި ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ ސެނެޓަރ މުހައްމަދު އިޝާގް ދާރ އަށާއި، ޕާކިސްތާނުގެ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައިވެއެވެ. އަދި މިއަހަރަކީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރައްވާ، މިއީ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް އެކުވެރިކަމާއި، ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިއްމު މުނާސަބަތެއް ކަމަށް ވަޒީރު އިރުތިޝާމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ޕާކިސްތާނުގެ ޚަރިޖީ ވަޒީރާ ބައްދަލުކޮށް، ދެފަރާތުންވެސް މަސްލަހަތު ހުރި ކަންކަމުގައި މާނަވީ ގޮތެއްގައި މަޝްވަރާ ކުރެއްވުމަށް އުއްމީދު ކުރެއްވާ ކަމަށް ޚަރީޖީ ވަޒީރު ގެ ސިޓީފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 14 ވަނަ ދުވަހަކީ ޕާކިސްތާނުގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިންޑިއަން ސަބް ކޮންޓިނެންޓުގައި މުސްލިމުންނަށް ވަކި ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އިނގިރޭސީންގެ އިސްތިއުމާރުން އިންޑިޔާ މިނިވަންވިއިރު ވަކި ދައުލަތެއްގެ ގޮތުގައި ޕާކިސްތާން އުފަންވީ 1947 ވަނަ އަހަރުގެ އޯގަސްޓު 14 ވަނަ ދުވަހުގައެވެ.


































