ރާއްޖޭގެ އިރުދެކެނުން ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސަރަހައްދުގައި އާންމު ވައި ގަދަވެ، ކަނޑުގަދަވާނެތީ މެޓުން ނެރުނު މޫސުމީ ސަމާލުގައި ވިދާޅުވީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި ދަނީ ވައި ގަދަވަމުން ކަމަށެވެ. އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރު، ޓްރަޕްގެ ސަބަބުން އެސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ވިދާޅުވިއެވެ.
”އެހެން ކަމުން ކުރިއަށް އޮތް 5 ދުވަސް [9 މޭއި އިން 13 މޭއަށް] ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ“ މެޓުން ވިދާޅުވިއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.


































