ސަރުކާރުން ކުރިއަށްގެންދާ ”ބިންވެރިޔާ“ ހާއްސަ ސްކީމުގެ ދަށުން، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން، މާލޭގައި އެއް އަހަރަށްވުރެ ކުރު މުއްދަތަށް ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް އެޕްލައިކުރެވޭ ގޮތަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބަދަލު ގެނެސްފިއެވެ.
”ބިންވެރިޔާ“ ހާއްސަ ސްކީމަކީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓު ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ހާއްސަކުރި ކެޓަގަރީއެކެވެ.
”ބިންވެރިޔާ“ ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ޕްރޮގްރާމް ހިންގުމަށްޓަކައި މާޗް މަހުގެ އެއްވަނަ ދުވަހު ގެޒެޓުގައި ”ބިންވެރިޔާ“ ހާއްސަ ސްކީމާ ގުޅޭ އުސޫލު“ ވަނީ އާންމުކޮށްފައެވެ.
އެ ވުޒާރާއިން ފަހުން ވަނީ ”ބިންވެރިޔާ“ ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ ތިނެއްގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމު ހިންގުމަށްޓަކައި ފަހުން އާއްމު ކުރި އުސޫލަށް ބަދަލު ގެނެސްފައެވެ.
އެގޮތުން އެ މިނިސްޓްރީން ކުރިން އެކުލަވާލި ކެޓަގަރީ 3 އަކީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ބުނެވިދިޔަ އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުގެ ކެޓަގަރީއެވެ.
އެ ވުޒާރައިން ވިދާޅުވީ، އެއް އަހަރަށްވުރެ ކުރު މުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް އެޕްލައި ކުރެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިގޮތުން އެކަމަށް އެދި މެދުނުކެނޑި ”މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް“ ކަން އެނގޭނެ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީހު އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
”ބިންވެރިޔާ“ ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ ތިނެއްގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މޭ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން މެއި 31 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާއިރު، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފްލެޓާއި ގޯތި ޕްރޮގްރާމުތަކުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭ ގޮތަށް އޮތުމުން ”ގޯތި-ގެދޮރު“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ވަނީ އިއުލާންކޮށްފައެވެ.


































