އެމްޑީޕީން ވަކިވެގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަދި އެ ޕާޓީއަށް ވެސް ލިބުނު ފައިދާއެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ކުރީގެ ވީޑިއޯއަކާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ މާޒީގެ ވާހަކަތަކަށް އެނބުރި ބަލަން ހުރުމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި މިހާރު ބޭނުންވަނީ އެ ހުރިހާ ކަމެއް ހަނދާން ނައްތާލައި ޕާޓީގެ ކުރިމަގަށްޓަކައި އެންމެން އެކަތިގަނޑަކަށް ވުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“ ރައީސް ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތް ދުވަހު ބޭއްވި ޖަލްސާއަށް އަޅުގަނޑު އެ ޖަލްސާއަށް ދިޔައީ ޕާޓީ އަލުން އެކަތިގަނޑަކަށް ވާތަން އަލުން ދެކެން ބޭނުންވީމަ.“، ރޮޒައިނާ ވިދާޅުވިއެވެ.
ކޮންމެ ފަރާތަކުން ވާހަކަ ދެއްކި ނަމަވެސް، ހިތްދަތިވާނެ ފަދަ އެތައް ވާހަކައެއް ދެކެވިފައި ހުރިކަން ގަބޫލުކުރައްވާކަން ރޮޒައިނާ ވިދާޅުވިއެވެ. މިއަދު އެ ބާޒީތައް އަލުން ކުޅެގެން ޕާޓީއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ނައްސި ވާހަަކަތައް ފެތުރުން ހުއްޓާލައި، ރީތި ކެމްޕޭނެއް ކުރުމަށާއި، ޕާޓީ ބަދަހިކުރަން މަސައްކަތް ކުރުމަށް ރޮޒައިނާ ވަނީ ގޮވާލައްވައިފައެވެ.
ރައީސް ނަޝީދު އެމްޑީޕީ އަލުން ގުޅިވަޑައިގެން އެޕާޓީން ބާއްވާ ސިލްސިލާ އިހްތިޖާޖު ހަރަކާތުގައި ވަނީ މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ.


































