2008ވަނަ އަހަރު އަމަލުކުރަން ފެށި ޤާނޫނު އަސާސީއަކީ ތިންބާރު ވަކިވެފައިވާ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވެވޭ ގޮތަށް އޮތް ޤާނޫނު އަސާސީއެއް ކަމަށް އެޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރެއްވި ބޭފުޅުން ނާއި އަދި ޤާނޫނީ މާހިރުން ވިދާޅުވެއެވެ. އެއީ “ ފެހި“ ޤާނޫނު އަސާސީގެ ސިފަ ކަމަށް ވެދާނެއެވެ. ކަން ހިނގާ ގޮތް ނުވަތަ ކަން ހިންގާ ގޮތް އަދި އެއީ މުޅިން އެހެން ކަމެއް ތާއެވެ. މިހާރު މިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައެވެ. ރަމްޟާން މަހަކަށް ވީ ނަމަވެސް ކެމްޕެއިން ތައް ހިނގަމުން ގެންދެއެވެ. މިކެމްޕައިންތަކަށް އިވޭ އަޑުތަކަށް ކޮންމެވެސް މިންވަރަކަށް ބަލާލަން ޖެހެއެވެ. ސަރުކާރު ހިންގާ ޕާޓީ ވިދާޅުވަމުން ދަނީ، ވައުދުތައް ފުއްދުމަަށް ސަރުކާރަށް ތާއިދު ކުރާ ކައުންސިލެއް އޮންނަން ޖެހޭ ކަމަށެވެ. އިދިކޮޅު ޕާޓީން ބުނަނީ ސަރުކާރު ޖަވާބު ދާރީ ވުމަށް އިދިކޮޅަށް ކައުންސިލެއް އޮންނަން ޖެހެއެވެ. މި ދައްކާ ވާހަކަތައް މިނެ ކިރާލަން އޮތީ ޤާނޫނު އަސާސީއާއި ޤާނޫނެވެ. އަދި މާޒީގައި ކަންހިނގާފައިވާ ބައެއް މަގު ތަކެވެ.
ޤާނޫނު އަސާސީގެ ގެ 5 ، 6، 7 ވަނަ މާއްދާގައި ވަނީ ތިންބާރުގެ ވާހަކައެވެ. އެއީ ޤާނޫނު ހިންގުމުގެ ބާރާ ވެރިކަން ހިންގުމުގެ ބާރާއި އަދި އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރެވެ. ވީމާ ދިވެހި ދައުލަތް އެކުލެވިގެން ވަނީ މިދެންނެވި ބާރުތަކުގެ މައްޗަށް ކަން އެނގެއެވެ. މިތިން ބާރުގެ އިތުރުން 4ވަނަ ބާރެއްގެ ވާހަކަ ވެއެވެ. އެއީ ޤާނޫނު އަސާސީގެ 4ވަނަ މާއްދާގައި ބަޔާންވެގެންވާ ރައްޔިތުންގެ ބާރެވެ. އެމާއްދާގައި ވަނީ ”ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.“ ވީމާ ކުރިން ދެންނެވި ތިންބާރު ވެސް ފެށެނީ ރައްޔިތުންގެ ކިބައިންކަން އެނގެއެވެ.
ދިވެހި ރާއްޖޭގެ ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އާއި ޤާނޫނު އަސާސީގެ 8ވަނަ ބާބަށް ބަލާލުމުން އެނގެނީ ލޯކަލް ކައުންސިލްތަކަކީ އެޑްމިނިސްޓްރޭޓިވް ބައެއް ކަމެވެ. ކުރިން ދެންނެވި ތިން ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މަޖިލީހުން އަދާ ކުރާ ދައުރުގެ ބައެެއްވެސް އަދި އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ އެއްވެސް މިންވަރެއް ހިމެނިފައި ނެތުމުންނެވެ. ޤާނޫނު އަސާސީގެ 106ވަނަަ މާއްދާގައި (ހ) (ށ) (ނ) (ރ) ގައި ވަނީ ވެރިކަން ހިންގުމުގެ ބާރުން ކަން ކުރަންވާނެ ގޮތެވެ. ރައީސުލުޖުމުހޫރިއްޔާގެ ކަންކުރައްވަން ޖެހޭނެ ގޮތެވެ. މިމާއްދާތަކަށް ބަލައިލުމުން އެގެނީ ވެރިކަން ކުރާ ފަރާތުން ކަންކުރަންވާނީ ޤާނޫނު އަސާސީ ދައްކާ މަގުން ކަމެވެ. ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރައްޔިތުންނަށް ޚިދުމަތެއް ދެވޭނެ މަގަކީ ވެސް ލާމަރުކަޒުކޮށެވެ. ޤާނޫނުއަސީސީ ބުނެ އަންގަނީ އިިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒުކޮށް ކަމަށެވެ. ދެން އޮތީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ނުވަތަ ހިންގަން ބޭނުންވާ މަޝްރޫޢުއެއް ކައުންސިލްތަކަށް ހުއްޓުވާ، އެކަމަށް ދަތި ކުރެވިދާނެތޯއެވެ. ކައުންސިލްއަކީ ޚިދުމަތްތަކެއް ދިނުމަށް އިންތިޚާބު ކުރާ ބަޔަކަށް ވީ ހިނދު ސަރުކާރެއް އަންނަނީ މެނިފެެސްޓޯއަކާއި އެކު ކަމަށްވެފައި އެކަންތަންފީޒު ކުރަން ހިފުމުން ކައުންސިލްތަކުން ނޫނެކޭ ބުނެވޭނެ ބާވައެވެ. ދެން އޮތީ ކައުންސިލްއިން ރައްޔިތުން ބޭނުންވާ ޚިދުމަތެއް ދޭން ބޭނުން ވުމުން އެކަން ސަރުކާރުން ހުރަސް އެޅި ދާނެތޯއެވެ.
ދެން އޮތީ ކައުންސިލްތައް ސަރުކާރު ޖަވާބު ދާރީ ކުރެވިދާނެހެއެވެ. ޤާނޫނު އަސާސީގެ އަށްވަނަ ބާބާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އެއް ވެސް މާއްދައަކުން ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ކުރާނެ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ސަރުކާރަށް ފާރަވެރި ވުމަށް އޮތް ބާރަކީ އަނެއް ދެ ބާރުކަން ޤާނޫނު އަސާސީން އެނގެއެވެ. ވީމާ ސަރުކާރެއް އުފެދިގެން އަންނަނީ ރައީސުލްޖުމުހޫރިއްޔާ އެއް އިންތިޚާބު ވާ ހިސާބުންނެވެ. ރައީސުލްޖުމުހޫރިއްޔާ އަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ބައިވެރި ވުމާއި އެކު އިންތިޚާބު ކުރާ މަޤާމަކެވެ. ކައުންސިލްތަކަކީ ކަނޑައެޅިފައިވާ ދާއިރާތަކުން އިންތިޚާބު ކުރާ މަޤާމެކެވެ. ވީމާ ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރުމަށެވެ. އެވަގުތެއްގައި އޮންނަ ސަރުކާރާ ގުޅިގެންނެވެ. ޤާނޫނާއި ޤާވައިދުގެ ތެރެއިންނެވެ. ހަމަ މިގޮަތަށް ރައްޔިތުންނަށް ދޭންވާ ޚިދުމަތް ދިނުމުގައި އެރަށެއްގެ ކައުންސިލްގެ “ ބަސް “ އަހަން ވާނެއެވެ. މަޝްވަރާ ކުރަން ވާނެއެވެ.ވީމާ ކައުންސިލްތަކަށް ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ކުރާނީ ކޮން ކަމެއްހޭ؟ ނުވަތަ ސަރުކާރު ”ފިއްކަނޑުވާލުމަށް“ ކުރަން އޮތީ ކޮން ކަމެއްހޭ؟ މިއީ އަޅުގަނޑު މިނެ ކިރާލި ގޮތެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.

































