ކުރިއަށް އޮތް ރަމަޟާން މަހުގެ އިނާޔަތް މި މަހުގެ 12 ގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުގައިވަނީ ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ. އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރަން އަންގާފައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ފައިސާ ދޭއިރު، އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ހަމައެކަނި އެ އިނާޔަތް ދޭން އުސޫލުގައިވެއެވެ. ރަމަޟާން މަސް ފެށޭއިރު ”ޕޭ ލީވް“ (ސްކޮލަރޝިޕް މުވައްޒަފުން) އަދި ”ނޯ ޕޭ ލީވް“ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެއެވެ.
އަދި މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަކަށް ނިކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެ ކަމަށް އުސޫލުގައިވެއެވެ. ކަލަންޑަރުގައިވާ ގޮތުން ނަމަ، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 އެވެ.

































