7ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2 ވަނަ ސީ.ޕީ.އޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ޕާކިސްތާނުގެ ކަރާޗީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީ.ޕީ.އޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު (68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް) ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ހަވާލުކުރެވޭނެކަމަށެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މި އަހަރުގެ ޝިޢާރަކީ، ”މުސްތަޤްބަލުގެ ޕާލިމެންޓުތައް: އިތުބާރާއި، ޝާމިލުވުމާއި، އައު އީޖާދުތަކާއި ސުލްހައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން“ މިއެވެ.
މިމަހުގެ 3 އިން 7 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް އަދި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

































