ޒަކާތުގެ ގާނޫނުގެ ދަށުން ”ޝަރީއާ އެޑްވައިޒަރީ ކޮމިޓީ“ އުފައްދަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީއަށް ބޭފުޅުން އިއްޔެ އައްޔަންކުރައްވައިފިއެވެ.
ޒަކާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާން ވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ. އަދި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަށް އައްޔަންކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމާއި ދީނީ ނަސާހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ.
ކޮމިޓީއަށް އައްޔަންކުރި ބޭފުޅުން:
- ޗެއާޕާސަން: އަބްދުﷲ ސައުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)
- މެންބަރު: އުސާމް މުހައްމަދު ސައީދު(ގަމަރީ، ގދ. މަޑަވެލި)،
- މެންބަރު: އަބްދުލް ހާދީ ހުސެއިން (ޓިއުލިޕް، ރ. ކިނޮޅަސް)
- މެންބަރު:އަހުމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)
- މެންބަރު: ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)
ޒަކާތުގެ ގާނޫނުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަން ޖެހިވަޑައިގަންނަވައެވެ.

































