އަޅުގަނޑުމެން މިހާރު މި ވޭތުކުރަމުން މިދާ ޝައުބާން މަހަކީ ބަރަކާތްތެރި ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ތައްޔާރުވުމަށް އަންނަ މަހެއް ކަމަށާއި މި މަހުގައި ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ “ شَعْبَان މަހު ކުރެވޭ ހެޔޮ ޢަމަލު“ އެވެ.
ހުތުބާގައި ބުނީ ޝައުބާން މަހަކީ ގިނަގުނަ ޘަވާބާއި މަތިވެރި ދަރުމަލިބުމުގެ މަހެއް ކަމަށާއި އެގޮތުން އެމަހުގައި ރަމަޟާންމަހަށް ތައްޔާރުވެ، ރޯދަހިފާން ތަމްރީނުވާ މަސްކަމުގައި ދަންނަން ޖެހޭ ކަމަށެވެ.
“ أُسَامَةُ بْنُ زَيْدٍ رَضِيَ اللهُ عَنْهُمَاގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. (قُلْتُ: يَا رَسُوْلَ اللهِ، لَـمْ أَرَكَ تَصُوْمُ شَهْرًا مِنَ الشُّهُوْرِ مَا تَصُوْمُ مِنْ شَعْبَانَ؟ قاَلَ: ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيْهِ الْأَعْمَالُ إِلَى رَبِّ الْعَالَـمِيْنَ، فَأُحِبُّ أَنْ يُرْفَعَ عَمَلِيْ وَأَنَا صَائِمٌ) މާނައީ: ”ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ޝަޢުބާންމަހުގައި ކަލޭގެފާނު (ސުންނަތް) ރޯދަ ހިއްޕަވާ މިންވަރަށް އެހެން މަސްމަހުގައި ކަލޭގެފާނު (ސުންނަތް) ރޯދަހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ.“ އެ ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި އަންނަ، މީސްތަކުން އެ މަހަކާ މެދު ޣާފިލުވެގެންވާ މަހެކެވެ. އެއީ އެ މަހެއްގައި ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންވެ، ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް، ތިމަންކަލޭގެފާނުގެ ޢަމަލުފުޅު މާތް ﷲގެ ޙަޟުރަތަށް އުފުއްލެވުމަށް ތިމަންކަލޭގެފާނުގެ ލޯބިފުޅުކުރައްވަމެވެ.“ ހަމަ އެ ފަދައިން أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. ”މާތް ނަބިއްޔާ z، ޝަޢުބާންމަހަށް ވުރެ ގިނައިން (ސުންނަތް) ރޯދަހިއްޕަވާ އެހެން މައްސަރެއް ނުވެއެވެ. އެ މަހުގައި (ރޯދަފުޅުހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަފުޅުހިއްޕަވާ ފަދައެވެ. އަދި މާތް ނަބިއްޔާ ޙަދީޘްކުރައްވާކަމުގައި ވިއެވެ. ”ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާ އެކު ހެޔޮ ޢަމަލުކުރުމުގައި ދެމިތިބިހައި ހިނދަކު، މާތް الله ތިޔަބައިމީހުންނަށް ދަރުމަދެއްވުމުގައި ދެމިވޮޑިގެންވާނެތެވެ.“
ޚުތުބާގައި ބުނީ މާތް ނަބިއްޔާ ޝަޢުބާން މަހު، ހެޔޮ ޢަމަލުކުރެއްވުން ގިނަކުރެއްވި ކަމަށާއި އެގޮތުން ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތައް ވެސް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ހެޔޮ ޢަމަލުކުރުމުގައި، ކީރިތި ރަސޫލާ އިރުޝާދުދެއްވައިފައިވާ މިންގަނޑެއް ވާކަމަށާއި އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން ކަމަށެވެ.
ނަމަވެސް ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ ޢަމަލުކުރާން ފަށާ ކަމަށާއި ދުވަސްކޮޅަކުން އެ ކަން ބުރަކަމަކަށްވެ، އެ ޢަމަލުކުރުން ދޫކޮށްލާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫންކަން ހަނދާންކޮށްދެއްވަމުން ޚުތުބާގައި ބުނީ މާތް اللهގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯ ކީރިތި ރަސޫލާ ސުވާލުދެންނެވުނުކަމަށާއި އަދި ޖަވާބުގައި ކިތަންމެ މަދުން ނަމަވެސް އެ ޢަމަލެއްކުރުމުގައި ދެމިހުންނަ ޢަމަލެއް ކަމުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
”ކީރިތި ރަސޫލާ zއާ ސުވާލުދެންނެވުނެވެ. (أَيُّ الْأَعْمَالِ أَحَبُّ إِلَى اللهِ؟) މާތް اللهގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (أَدْوَمُهَا وَإِنْ قَلَّ) މާނައީ: ”ކިތަންމެ މަދުން ނަމަވެސް އެ ޢަމަލެއްކުރުމުގައި ދެމިހުންނަ ޢަމަލެވެ.“
ޚުތުބާގައި ބުނީ މުސްލިމެއްގެ ޙަޔާތުގައި ކުރާ ހުރިހައި ޢަމަލުތަކެއް ވެސް ކީރިތި ރަސޫލާގެ ސުންނަތާ އެއް ގޮތަށް ކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމު ކަމެކެވެ. އަދި އެ ގޮތުން އެކި މަސްމަހު އެކަލޭގެފާނު ކުރެއްވި އަޅުކަން ދެނެގަނެ، ކުޅަދާނަވީ ވަރަކުން އެ ފަދައިން އަޅުކަންކޮށް، އެކަލޭގެފާނާ އިޤުތިދާވުމަކީ މުސްލިމުން އިސްކަންދޭންޖެހޭނޭ ކަމެއް ކަމަށާއި އެކަލޭގެފާނަކީ މުސްލިމުންގެ ނަމޫނާކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކުރުމަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނީ ހާރުކެއުމާއި، ރޯދަވީއްލުމާއި، އެ ދެމެދުގައި ރޯދަވެރިއާ ޢަމަލުތައް ބަހައްޓާންވީ ގޮތް ވެސް ވަރަށް ރަނގަޅަށް ދަސްކުރަން ޖެހޭ ކަމަށެވެ. އަދި ރޯދަ ގެއްލޭ ގޮތްތަކާއި، ގެއްލޭ ރޯދަ ޤަޟާކުރުމުގެ ޙުކުމްތަކާއި، ފިދުޔަދޭން ޖެހޭ ޙާލަތްތަކާއި އޭގެ މިންވަރުތައް ވެސް ދަސްކުރާން ޖެހޭ ކަމަށް ޙުކތުބާގައި ބުންޏެވެ.
މީގެ އިތުރުން ބަލިމީހުންނާއި ޢުޛުރުވެރީން، ރޯދަ ދޫކޮށްލުން ހުއްދަވާ ޙާލަތްތަކާއި އެ ނޫން ޙާލަތްތައް ވެސް ދެނެގަންނާން ޖެހޭ ކަމަށާއި އަދި ތިބާގެ އިތުރުން ތިބާގެ އަނބިދަރީންނަށް ވެސް އެ ޙުކުމްތައް ދަސްކޮށްދޭން ޖެހޭކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަސް ފެށޭން އެއް ދުވަސް ނުވަތަ ދެ ދުވަހަށް ވީމާ ރޯދަހިފުމެއް ނެތްކަމަށާއި އެހެން ނަމަވެސް އާދަވެ ސުންނަތް ރޯދަ ހިފަމުން އަންނަ މީހަކު، ނުވަތަ ވާޖިބު ރޯދައެއްހިފާންޖެހިފައިވާ މީހަކު އެ ދުވަސްތަކުގައި ރޯދައަށް ހުރުމަކީ، ހުއްދަކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލުމަށާއި ރަމަޟާންމަހަކީ، އިސްރާފުކުރުން ގިނަ މަހަކަށް ނުހަދުމަށް ވެސް ބަދޭހަތްތެރިވެފައިވެފައު ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ރޯދަމަހު ޞަދަޤާތްކުރުމަށް މިހާރުން ފެށިގެން ނިޔަތްގަތުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.
ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެން ކަމަށާއި ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ޖެހޭނޭކަން ދަންން ކުރުމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

































