ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހި ހުޅުވައިލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މި އިންތިހާބާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 17 އިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. ކޮންމެ މީހަކުވެސް ފޯމު ހުށަހެޅޭނީ، އީ ޕޯޓަކް މެދުވެރިކޮށް އެމީހެއްގެ އަމިއްލަ ވެރިފައިޑް އީފާސްއިން ކަމަށް ޒާހިދު ވިދާޅުވި އެވެ.
އެގޮތުން އަމިއްލަ ފަރާތެއްނަމަ ވަކިވަކިން 50 މީހުންގެ ތާއީދުއޮތްކަން ޕޯޓަލް މެދުވެރިކޮށް ޔަގީންކޮށްދޭން ޖެހޭނެ ކަމަށާއި އަދި ޕާޓީއެއްގެ ފަރާތުން ހުށަހަޅާ ނަމަވެސް ހުރިހާ ލިޔެކިއުންތައް ފުރިހަމަވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، ޑަބްލިޔުޑީސީތަކަށް 678 އިންތިހާބު ކުރަންޖެހެ އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކުރީ މި މަހުގެ އަށްވަނަ ދުވަހު އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

































