ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ކުރިއެރުވުމަށްޓަކައި ސަރުކާރުން ނިންމާފައިވާ މުހިންމު ކަންތައްތަކެއް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފި އެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ޑިސެންބަރު 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، އެ ދާއިރާ ކުރިއެރުވުމަށްޓަކައި ކެބިނެޓުގައި މަޝްވަރާކުރެވި ގިނަ ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. މި ނިންމުންތަކަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމާއި، އެ ދާއިރާގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށް ނިންމާފައިވާ ކަންކަން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފަ އެވެ.
”މީގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ. މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ދާނެ،“ ރައީސް މުއިއްޒު
މި ސިޔާސަތުގެ ދަށުން އެސްއެމްއީތަކަށް ބޮޑެތި ލުއިތަކާއި ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. މި ޚާއްޞަ އިނާޔަތްތައް ދިނުމުގައި ދައުލަތުގެ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި މީރާ، ކަސްޓަމްސް، އެމްޕީއެލް އަދި އެއާޕޯޓް ފަދަ ވިޔަފާރިތަކާ ގުޅުންހުރި ހުރިހާ ދާއިރާތަކަކުން ލުއިތައް ހޯދައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ވަކިން ޚާއްޞަކޮށް ވައިގެ މަގުންނާއި ކަނޑުމަގުން އުފުލާ މުދަލުގެ ބާވަތްތަކާ ގުޅޭގޮތުން ހުރި ދަތިތަކަށް މި މުއްދަތުގެ ތެރޭގައި ހައްލު ހޯދައިދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މި ދެ އަހަރަކީ ހަމައެކަނި ވިޔަފާރިވެރިން ހުށަހެޅި މައްސަލަތައް ހައްލުކުރާނެ އަހަރުތަކެއް ނޫނެވެ. އޭގެ އިތުރުން ސަރުކާރުން އިސްވެ، ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގިނަ ކަންތައްތަކެއް އެޑްރެސްކުރާނެ މުއްދަތެއްގެ ގޮތުގައިވެސް މި ދެ އަހަރު ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

































