ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 10 ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، 56 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.

































