ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫނުކުރުމަށް ކުރިިމިނަލް ކޯޓުން ނިންމައިފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަމްއާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަމްއާންގެ ބަންދު މުރަޖާއާގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަމްއާން، ބަންދުކުރަން ޖެހުނު ހާލަތު އަދިވެސް ފިލައިނުގޮސް، ވުޖޫދުގައި އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ހެއްކެއްގެ ހެކިބަސް ނަގައި ނިމުމުން ދައުލަތުން އިސްވެ ޝަމްއާންގެ ބަންދު ދޫކޮށްލަށް ދިނުމަށް އެދޭނެކަން ފާހަގަކޮށްފައިވާތީ ގާޒީ ނިންމެވީ ޝަމްއާން ބަންދު ދޫނުކުރުމަށެވެ.
ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން އެކަކަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.
ޝައްމާން މަގާމުން ވަކިކޮށް ހައްޔަރުކުރީ މާޗު މަހުގެ 22 ގަ އެވެ.

































