ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް އެފަދަ 252 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިގޮތުން 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާއިރު، 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އިކޮނޮމިކް މިނިސްޓްރީގެ ޤާނޫނުތަކާއި ޚިލާފުވެގެން 25 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، އެހެން ޤާނޫނުތަކާއި ޚިލާފުވެގެން 12 ވިޔަފާރިއެއް ބަންދުކޮށްފައިވެ އެވެ. ޤަވާއިދާއި ޚިލާފަށް ހިންގި ވިޔަފާރިތަކުގެ ތެރެއިން ޤަވާއިދާއި އެއްގޮތަށް ކަންކަން އިސްލާޙު ކުރުމުން 8 ވިޔަފާރިއެއް އަލުން ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.

































