ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް ކުރަމުންދާތީ، ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެދިއްޖެ އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ހައްޖަށް ދާން އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ޙައްޖަށް ގެންދަން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
އެހެންވެ ޙައްޖުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށާއި. އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ކޯޕަރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ފަހަކަށް އައިސް މިފަދަ ސްކޭމްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެހެންވެ މިފަދަ މައްސަލަތައް ވީހާ ވެސް އަވަހަކަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓް ކުރަން ތަކުރާރުކޮށް އިލްތިމާސްކުރަމުން ދެ އެވެ.

































