މި ނިމުނު ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ހުޅުމާލޭގެ ގެސްޓް ހައުސެއްގެ ކޮޓަރިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި ފެނުނު ނޭޕާލްގެ ފިރިހެން މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތަސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށެވެ.
އެހެންވެ ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، މިދިޔަ އަންގާރަ ދުވަހުގެރޭ އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރީ ސިއްހީ ޚިދުމަތް ދޭ ތަނެއްގައި ނޫންކަމަށާއި އެހެން އެކަން ކުރީ، ސިއްހީ ހިދުމަތްދޭ ތަނެއްގައި އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައިވާތީ ކަމަށެވެ.
އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ޑުރަގް ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވެފައި، މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދާތީކަމަށެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ކޮޓަރިއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކުރީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މެންދުރުފަހު 12:14 ހާއިރެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. މިހާތަނަށް އެނގުނު ގޮތުގައި އެ މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެ މީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ދިޔަކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މިފަދަ މައްސަލަ ތަކަކީ ފަހަކަށް ައިސް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ މައްސަލަ އެވެ. މިފަދަ ގިނަ މައްސަލަތަކެއް ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

































